މި އަހަރުގެ ރޯދަ މަހަށް އަމާޒުކޮށްގެން ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކުރުމުގެ ގޮތުން ހަރަކާތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންނަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގަ އެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީ އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައީއީ) އާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެ ހަރަކާތްތައް ކޯޑިނޭޓް ކުރާނީ އެންއައިއީން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެ ހަރަކާތްތަކުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީނާ މެދު ލޯބި އުފެއްދުމާއި، ސްކޫލް މާހައުލުގައި ދަރިވަރުންނަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން ދަސްވާ ކޮންމެ ކަމަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އަދި އާދަކޮށް ކުރާ ކަންކަމަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ ހަރަކާތްތަކުގެ ދަށުން ގްރޭޑް އެކަކުން ފަހެއްގެ ދަރިވަރުންނަށް ރޯދަ މަހާއި، ކީރިތި ގުރުއާނާއި، ފިތުރު އީދާއި އަލްހާ އީދު ފާހަގަކުރުމުގެ މުހިއްމުކަމާއި، ސަލާމްކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ބާރު އެޅުމާ ގުޅޭ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންނަށް ނަމާދުކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔަންޖެހޭ ހުރިހާ އެއްޗެއް ދަސްކޮށްދިނުމާއި، އެ ދަރިވަރަކު ކިޔަވަމުންދާ ގްރޭޑެއްގައި ކިޔަވައިދޭ މިންވަރަށް ގުރުއާން ކިޔެވުމާއި، ރޯދަ މަހާ ގުޅޭ ތަފާތު މަސައްކަތްތައް ދަރިވަރުންނާ ހަވާލުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު