ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންނަށް ދެމުންދާ ހެލްތް އިންޝުއަރެންސްގައި މިހާރު މައިންބަފައިން ބައިވެރިކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ، "މިފަހަރުގެ ސްކީމްގައި އެލައިޑްގައި ހަމަޖެހިފައިވާ އުސޫލުން މުވައްޒަފު ބޭނުންވާނަމަ މައިންބަފައިން ވެސް ބައިވެރި ކުރެވޭނެ،" ކަމަށެވެ.

ސްޓެލްކޯއިން ބުނީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮތް ސްޓެލްކޯގެ ހެލްތް އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ.

މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން، އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް، މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން ހަމަޖައްސަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އެހެންވީމާ ސަރުކާރުގެ ކުންފުނި ސްޓެލްކޯއަށް މިބުނެވުނީ ސަރުކާރު ކުންފުނި އާސަންދައަކުން ނުފުދެޔޭ!! ހައްލަކީ ސަރުކާރު ކުންފުނި އެލައިޑޭ 🤐

  2. ސަންދޯއް

    ދައުލަތުން ހޭދައެއްކުރާނަމަ އެހޭދަވާންޖެހޭނީ އެންމެނަށް ހަމަހަމަ އުސޫލަކަށް. އިތުރުރައްކާތެރިކަމެއްބޭނުންނަމަ އަމިއްލައަށް އެލައިޑްފަދަ އިންޝްއަރެންސްދޭ ފަރާތްތަކުގައި ބައިވެރިވުމަކީ އަމިއްލަކަމެއް... ސްޓެލްކޯވެގެން އަދި މާއިއްޒަތްތެރި މެމްބަރުންނަށްވެގެން އިސްތިސްނާވާނަމަ އެވަނީ ބޭއިންސާފު. ސްޓެލްކޯއިންވެސް ސްޓާފުންގެ މުސާރައިން ކަނޑައިގެން ނަމަ މައްސަލައެއްނެތް.

  3. އިބްރާހިމް

    އަޙުމަދު އަދި ތިއުޅެނީ ތަންކޮޅެއް ފަހަތުގައިހެން ހީވަނީ. އާސަންދަ ކުންފުނި އުފެދުމުގެ ކުރިންވެސް އަދި ފަހުންވެސް ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ހެލްތް އިންޝުއަރެންސް އެލައިޑުން އައި ނަގަމުން. މުވައްޡަފުގެ އަނބި ނުވަތަ ފިރިމީހާ އާއި 18 އަހަރު ނުފުރޭ ދަރިންވެސް އައީ ބައިވެރި ކުރަމުން. މިހާރު އިތުރަށް މައިން ބަފައިން އެބައިވެރި ކުރެވުނީ، އެލައިޑުގެ އިތުރުން އަމާނާތަކަފުލް އިންވެސް ދަނީ ހެލްތް އިންޝުއަރެންސް ޕެކޭޖްތައް ކުންފުނިތަކަށް ދޫކުރަމުން، އިންޝުއަރެންސް ކޮންމެ ކުންފުންޏެއްގައިވެސް ތަފާތު އަގުތަކުގެ ޕެކޭޖް ހުންނާނެ. ( މިކަން އޮޅުން ފިލުވާލަ ދިނީމާ އަޙުމަދު މަދޭ ދެކެ ރުޅިނާންނާނެ ކަމަށް ހީކުރަން)