ސިނަމާލެ ބްރިޖު ކައިރިއަށް އެރި ވެލަޔަށް ބިސް އެޅުނީ ތިން ފަހަރު މަސައްކަތް ކޮށްގެން ކަމަށާއި ބިސް އަޅަން އެސޮރަށް އެހާ އުނދަގޫވީ އެ ސަރަހައްދުގައި ރާޅު ހުރި ގޮތުން ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން) ބުނެފިއެވެ.

ބުރިޖު ކައިރިއަށް ވެލައެއް އަރާފައިވަނީ މިދިޔަ ބުދަ ދުވަހު އިރުއޮއްސި 7:30 ހާއިރުއެވެ. އަދި ޖުމުލަ 96 ބިސް އަޅާ އަވަދިވެގެން އެސޮރު އެނބުރި ކަނޑަށް ދިޔައީ މެންދަމުން އަލިވެ ތިނެއް ޖަހަނިކޮށެވެ.

އީޕީއޭ އިން ހާމަކުރި ގޮތުގައި ވެލާ ބިސް އަޅާފައިވަނީ ރާޅު ޖަހާ ސަރަހައްދަކަށް ވާތީ ގުދުރަތީ ގޮތުން އެ ބިސްތައް ފީވުމުގެ ފުރުސަތު އެ ސަރަހައްދުގައި ވަރަށް ކުޑަ ވާނެެއެވެ. ވެލާ ބިސްތައް ފޯސީޒަން ކުޑަހުރާ އަށް ގެންދިޔައީ ރައްކާތެރިކަމާއެކު ބިސްތައް ފީކުރުމަށްޓަކައި އީޕީއޭގެ ހުއްދައާ އެކުގައެވެ.

ބިސްތައް ބަދަލުކުރުމަކީ ވަރަށް ނާޒުކު ކަމެކެވެ. ނަމަވެސް ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ބިސްތަކުން މެމްބްރެއިން އުފެދުމުގެ ކުރިން ބަދަލު ކުރުމުން ބިސްތައް ފީވާނެއެވެ. އަދި ފޯސީޒަން ކުޑަހުރާ އަކީ ވެލާ ބިސް ފީކުރާ ހާއްސަ ހެޗަރީ ހުންނަ ތަނެކެވެ. އެތަނުގައި އުފަންވާ ވެލާތައް ވަކި ވަރަކަށް ބޮޑު ކުރުމަށްފަހު މޫދަށް ދޫކުރުމަކީ ފޯސީޒަނުން ހިންގާ ޕްރޮގްރާމެކެވެ.

މާލެ އަށް މި ފަހުން ވެލައެއް އެރީ މީގެ ތިން ހަފްތާއެއްހާ ކުރިން ފެބްރުއަރީ 27 ވަނަ ދުވަހު ސިނަމާލެ ބްރިޖް ކައިރީގައި އޮންނަ ފަސް ކޮޅަށެވެ. އެތަނަށް ވެލައެއް އަރާފައި އޮއްވައި ފެނުމުން ފުލުހުން އެ ވެލާ މޫދަށް ބޭލިއެވެ. އެކަމާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ފުލުހުންނަށް އަމާޒުވިއެވެ.

އެ ވެލާ ވެސް ސިނަމާލެ ބްރިޖު ކައިރިއަށް އެރީ ބިސް އެޅުމަށް ކަމަށް ބެލެވެއެވެ. ވެލާ އެރި ދިމާލަކީ މާލޭގައި ގުދުރަތީ ގޮތުން އުފެދިފައި އޮތް ހަމައެކަނި ވެލިކޮޅެވެ. މިކަމާއި ގުޅިގެން އީޕީއޭއިން ބުނެފައިވަނީ އިންސާނުން ކުރާ ކަންކަމުގެ ސަބަބުން ގުދުރަތީ ވެށި ހަލާކުވެ ނެތިދިއުމަކީ ވަރަށް ވެސް ދެރަ މައްސަލައެއް ކަމަށެވެ. އަދި މޫދު ކައިރީގައި ތަންތަން ގާއިމްކޮށް ގުދުރަތީ ފަސްތައް ނެތި ދިއުމަކީ ރާއްޖޭގެ ކަނޑުގެ އެފަދަ ދިރުންތަކަށް އޮތް ބޮޑު ހުރަހެއް ކަމަށް ވެސް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބީރްބޮލް

    މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް ޖެހިފަ ވާފަދައިން ވެލާތަކަށްވެސް މިވަނީ ބިސް އަޅާނެ ދޮންވެލި ތުނޑިއަށް ޖެހިފަ..އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެހެން ދިރުންތަކަށްވެސް ބޮޑު އުނދަގުލަކަށްވެފަ މިއޮންނަނީ..މަގުމަތީގަ އުޅޭ ބުޅާތައް ބޮޑުކަމުދާތީ އެއްޗެހި ކިޔާއިރު އެސޮރުމެނަށް ފާހާނާކޮށްލަން ވަޅެއް ކޮނެލާނެ ތަންކޮޅެއްވެސް ނެތް..މުޅި މަގުގަ ފުރެންދެން ގާ އަތުރާފަ..ދެން މިޖެހެނީ ވާލެކޭ އެއްގޮތަށް ޖެހުނު ތަނަކަށް ދުއްވާލަން..

  2. މަމެން

    ތި އެއްޗެހި ދޫކުރަން ގެންނަންވާނީ މާލެއަށް

  3. ކިއްލި

    މަވެސް ކުރީ ދުވަހު ފާހަނަޔަށް ދެވުނީ، 2،3 ފަހަރު ބާރުލީފަހުން

    1
    1