ދުނިޔެއިން ނެތިގެން ހިނގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ބާވަތްތަކާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމާއި، ތިމާވެށީގެ ނާޒުކު މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލްގެ ހަވަނަ ފެސްޓިވަލް އޯގަސްޓް 11 އަދި 12 ވަނަ ދުވަހު ނައިފަރުގައި ބޭއްވުމުގެ އެންމެހާ ތައްޔާރީތައް ނައިފަރުގެ އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ނައިފަރު ޖުވެނައިލްއިން ފަށައިފިއެވެ.

މި ފެސްޓިވަލަކީ ދުނިޔެއިން ނެތިގެން ހިނގައިދޭނެކަމަށް ބެލެވޭ ވެލާ ކަހަނބު ބާވަތްތަކާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމާއި، އުކާލެވޭ ކުނީގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކަށް މީހުން ހޭލުންތެރިކުރުވުމަށާއި، އެތަކެތި ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމާއި، މަސައްކަތްތައް ޢާމުންނަށް ދައްކާލުމަށާއި، ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށާއި އަދި މިފަދަ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާއި މުއައްސަސާތައް އެއްތަނަކުން ބައްދަލުވެ ޚިޔާލު ބަދަލުކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމަށާއި، ތިމާވެއްޓާއި ގުޅޭ މުޙިންމު ތަފާތު މަޢުލޫމާތުތައް އެއްކުރުމުގެ ބޭނުންމުގައި 2016 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ނައިފަރު ޖުވެނައިލްއިން ރާވާ ހިންގަމުން އަންނަ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޅ.އަތޮޅުގެ ހުރިހާ ސްކޫލަކާއި، ނ.އަތޮޅާއި ރ.އަތޮޅާއި އަދި ބ އަތޮޅުން ކޮންމެ އަތޮޅަކުން އެއް ސުކޫލާއި، ޅ،ނ،ރ އަދި ބ އަތޮޅުގެ ރިސޯޓުތަކުންނާއި، ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ބޮޑަތި ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އިދާރާތަކުންނާއި، ސީޝެލްސް، އިންޑިއާ އަދި އެފްރިކާގެ ބައެއް ޖަމްޢިއްޔާތަކުން ބައިވެރިވާކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

މިފެސްޓިވަލްގައި އުކާލެވޭ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ ތަފާތު މުބާރާތްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ. ފެސްޓިވަލްއާއި ގުޅިގެން ކުރިޔަށް ގެންދާ ބައެއް މުބާރާތްތަކުގެ މަޢުލޫމާތާއި، ފެސްޓިވަލްއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ނައިފަރު ޖުވެނައިލް އަދި އެޓޯލް މެރިންސެންޓަރ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

31 އޮކްޓޯބަރ 2000 ގައި ވުޖޫދުވި ނައިފަރު ޖުވެނައިލްއަކީ ޒުވާނުންގެ ހަރަކާތްތައް ރާވާ ހިންގާ އެންމެ ހަރަކާތްތެރި ޖަމްޢިއްޔާގެ އެވޯޑު 2008 ވަނަ އަހަރު އަދި އިޖުތިމާޢި ޚިދުމަތުގެ ރޮގުން ޢާއްމު ޙިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 2017 ވަނަ އަހަރު ޚާސިލްކޮށްފައިވާ އަދި 2023 ވަނަ އަހަރު ތިމާވެށީގެ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯރޑާއި، 2023 ވަނަ އަހަރު ސައުތް އޭޝިއަން ކްލައިމެޓް ކޮންފަރެންސްގައި "އެވަރެންސްޓް ކްލައިމެޓް އެކްޝަން އެވޯރޑް 2023" ޙާސިލްކޮށްފައިވާ ޖަމްޢިއްޔާއެކެވެ.