ޅަވިޔަނި ޓާޓަލް ފެސްޓިވަލް އަންނަ މަހު އެ އަތޮޅު ނައިފަރުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ނައިފަރުގެ ނައިފަރު ޖުވެނައިލްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ފެސްޓިވަލްއާއި ގުޅޭގޮތުން އެ ޖަމިއްޔާއިން ބުނީ އެ ފެސްޓިވަލްއަކީ ދުނިޔެއިން ނެތިގެން ހިނގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ބާވަތްތަކާއި ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމާއި، ތިމާވެށީގެ ނާޒުކު މައްސަލަތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލް ކަމަށެވެ.

މިއީ އެ ފެސްޓިވަލް ބާއްވާ ހަ ވަނަ ފަހަރެވެ.

ފެސްޓިވަލް އޮންނާނީ މި ފެށޭ އޯގަސްޓް މަހުގެ 11 އިން 12 އަށެެވެ.

މި ފެސްޓިވަލުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޅ. އަތޮޅުގެ ހުރިހާ ސްކޫލަކާއި، ނ،ރ އަދި ބ، އަތޮޅުން ކޮންމެ އަތޮޅަކުން 01 ސުކޫލާއި، އެ ތިން އަތޮޅުގެ ރިސޯޓުތަކުންނާއި، ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ބޮޑަތި ޖަމިއްޔާތަކާއި، ސަރުކާރުގެ އިދާރާތަކުންނާއި، ސީޝެލްސް، އިންޑިއާ އަދި އެފްރިކާގެ ބައެއް ޖަމްއިއްޔާތަކުން ބައިވެރިވާކަމަށް ވެސް ޖުވެނައިލްއިން ބުނެއެވެ.

ޖުވެނައިލްއިން ބުނީ އެ ފެސްޓިވަލްގައި އުކާލެވޭ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ ތަފާތު މުބާރާތްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

2016 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ނައިފަރު ޖުވެނައިލްއިން ރާވާ ހިންގަމުން އަންނަ ފެސްޓިވަލަކީ ދުނިޔެއިން ނެތިގެން ހިނގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ބާވަތްތަކާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމާއި، އުކާލެވޭ ކުނީގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކަށް މީހުން ހޭލުންތެރި ކުރުވުމަށާއި، އެތަކެތި ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމާއި، މަސައްކަތްތައް އާމުންނަށް ދައްކާލުމަށާއި، ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވަމުން އަންނަ ފެސްޓިވަލް އެކެވެ.

އަދި މި ފެސްޓިވަލްގައި މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތައް އެއްތަނަކުން ބައްދަލުވެ ހިޔާލު ބަދަލުކުރުމާއި، މައުލޫމާތު ހިއްސާކުރާއިރު، ތިމާވެއްޓާއި ގުޅޭ މުހިއްމު ތަފާތު މައުލޫމާތުތައް އެއްކުރަމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުމުރީ

    ފެސްޓިވަލް ނިމުން ފާހަގަކުރަންވާނީ ކޮންމެވެސް ފަޅުރަށަކަށްގޮސް ވެލާފަޅައިގެން އެކައިގެންދޯ....

  2. ފެސްޓިވަލް

    ފެސްޓިވަލް ބާއްވާގެން ފައިދާ ނަގާބަޔަކު ކޮންމެ ފެސްޓިވަލް އަކައްފަހު މުއްސަނދިވާތަން ފެންނަނީ، މަގުސަދު ހާސިލްވަނީ ކިހާވަރަކައްތޯ