(ޅ. ނައިފަރު) ދުނިޔޭގައި މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ އެކި މީހުން ތަފާތުކޮށެވެ. ހުރިހާ އިންސާނުންނަކީ ހުރިހާ ހިއްސުތަކެއް ފުރިހަމަ މީހުންނެއް ނޫނެވެ.

ކޮންމެ މީހަކީ ވެސް މުުޖުތަމައު އަށް މުހިންމު ބައެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ ވެސް މުޖުތަމައު އަށް ފައިދާ ކުރުވަނިވި ލާމަސީލް މަސައްކަތްތަކެއް ކުރާ މީހުންނެވެ. ނުކުޅެދުންތެރިކަމެއް ހުރި ކަމުގައިވީ ނަމަވެސް ކުޅެދޭ މީހުންނާ އެއް ހަމައެއްގައި ހާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކުން މަސައްކަތް ކުރާ މަންޒަރު މިއަދު ފެނެއެވެ.

އެގޮތުން ފާދިއްޕޮޅުގެ ވެރިކަން ކުރާ ރަށުން "ވަގުތު ހޭރިޔާ" ޓީމާ ދިމާވީ ތަފާތު މަސައްކަތެއް ކުރާ އުމުރުން 43 އަހަރުގެ ފަޒްލޫން މުހައްމަދާއެވެ. ފަޒްލޫންއަކީ އެންމެ ކުޑައިރުއްސުރެ ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ މީހެކެވެ. ނަމަވެސް އޭނާގެ އެ ނުކުޅެދުންތެރިކަމަކީ ދިރިއުޅުގައި އޮތް ބޮޑު ހުރަހެއް ކަމަށް ފަޒްލޫން ނުދެކެވެ.

ޅ. ނައިފަރުގައި މަހުގެ ހަމުން ލެދާ ހެދުމުގެ މަސައްކަތުގައި އުޅޭ ފަޒްލޫން. -- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

ހިތްވަރާ އެކުގައި ރަށުގައި އެކި މަސައްކަތްތައް ކުރުމުގައި ފަޒްލޫން އުޅެއެވެ. ކަރަންޓު ވައިރް ކުރުމާއި ރޭނުމަކީ ފަޒްލޫން ދަންނަ މަސައްކަތްތަކެވެ. އެކި ވައްތަރު ކުދިކުދި މަސައްކަތް ވެސް އޭނާ ކޮށް އުޅެވެ. ނަމަވެސް ފަޒްލޫން ކުރާ މަސައްކަތްތަކުގެ ތެރެއިން ފާހަގާ ތަފާތު މަސައްކަތަކީ މަހުގެ ހަމުން ލެދާ ހަދައިގެން އެކި ވައްތަރުގެ ތަކެތި ހެދުމެވެ.

ފަޒްލޫން ވަނީ ގްރޭޑް ފަހަކާ ހަމައަށް ތައުލީމް ހާސިލް ކޮށްފައެވެ. ނަމަވެސް ސްކޫލުން ކުދިންގެ ފަރާތުންނާއި ޓީޗަރުންގެ ފަރާތުން ގަނާކުރުމާއި ފަޒަލޫނާ ކުރިމަތިލާން ޖެހުނެވެ. ކުދިން ޖެއްސުން ކުރާތީ ފަޒްލޫން އުނދަގޫވެގެން ހަޅޭއްލަވާތީ އަނގަމަތީގައި ޓޭޕްއަޅާފައި ޓީޗަރު ބަހައްޓަން ފެށިއެވެ. ފަޒްލޫންގެ އަނގަމަތިވެސް ހަލާކުވި އެވެ. އެހެންކަމުން އޭނާ ސްކޫލަށް ދާހިތް ކެނޑުނީއެވެ.

ފަޒްލޫންއަށް އާންމުކޮށް މީހުން ބޭނުންކުރާ ސައިން ލޭންގުއޭޖެއް ނޭނގެއެވެ. ނަމަވެސް އޭނާ ވާހަކަދައްކަނީ އެންމެ ކުޑައިރުވެސް އަމިއްލައަށް ދަސްކުރި އިޝާރާތްތަކުންނެވެ.

ޅ. ނައިފަރުގައި މަހުގެ ހަމުން ލެދާ ހަދާފައި. -- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

ލެދާ ހަދަން ފަޒްލޫނަށް އެނގުނީ ކިހިނެއް؟

ފަޒްލޫންގެ ކޮއްކޮ އައިޝަތު މުހައްމަދު "ވަގުތު ހޭރިޔާ" ޓީމަށް ވަނީ ފަޒްލޫން އެ މަސައްކަތް ވަތް ގޮތާއި އޭނާގެ ދިރިއުޅުމާއި ގުޅިގެން ގިނަ ވާހަކަތަކެއް ކިޔާދީފައެވެ.

އައިޝަތު ކިޔައިދިން ގޮތުގައި ފަޒްލޫނަށް ލެދާ ހެދުމަށް ދަސްވީ ނައިފަރުގައި އިޖްތިމާއީ ގިނަ މަސައްކަތެއް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޖުވެނައިލްއިން 2007 ވަނަ އަހަރުގައި ހިންގި ކޯހަކުންނެވެ. އެއީ އެކަން ކުރުމަށް ޝައުގުވެރިކަން ހުރެގެން ފެށި މަސައްކަތެވެެ. އަދި ނާށިން ވެސް އެއްޗެހި ތައްޔާރު ކުރުމަށް އޭރު ދަސް ކުރިއެވެ.

-- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

"ފަޒްލޫނާ އެކުގައި އެހެން ކުދިން ވެސް ދިޔަ އެކަމަކު އެ ކުދިން ފަހުން ކޯހުން ކެނޑުނީ. ކޯސް ފުރިހަމަ ކުރީ ފަޒްލޫން އެކަނި. އެންމެ ފުރަތަމަ އެއްޗެހި ރިސޯޓްތަކަށް ވިއްކުމަށް ޖުވަނައިލުން އެހީތެރިވި ނަމަވެސް ކޮވިޑް އައުމުން އޭގެ ފަހުން އެކަހަލަ އެހީތެރިކަމެއް ނުލިބެ." އައިޝަތު ބުންޏެވެ.

އައިޝަތު ބުނީ ފަޒްލޫން އެންމެ ކުޑައިރުން ފެށިގެން ވެސް އަބަދުވެސް އުޅޭނީ ކޮންމެވެސް މަސައްކަތެއް ކުރުމުގައި ކަމަށެވެ. އެކި ތަންތަނަށް ގޮސް އެކި މަސައްކަތްތަކުގައި ފަޒްލޫން އުޅޭ ކަމަށް ބުންޏެވެ.

މިހާރު ފަޒްލޫން ކުރާ މަސައްކަތަކީ އޭނާގެ ބައްޕައާއެކު ފަރު މަހަށް ދިއުން ކަމަށް ވެސް އައިޝަތު ބުންޏެވެ.

އައިޝަތު ކިޔައި ދިން ގޮތުގައި އަބަދު އެއް މަސައްކަތެއް ކުރުމުގައި ފަޒްލޫން ނުހުންނަ ކަމަށެވެ. ޝައުގުވެރިކަން ހުންނަ މަސައްކަތެއް ކުރުމުގައި އުޅޭ ކަމަށް އޭނާ ބުންޏެވެ. ބޮލިން ފަށުފޫ ހެދުމާއި ނާށި ބޭނުންކޮށްގެން ތަޅުދަނޑި ލައްވާ އެކި ބާވަތުގެ ތަކެތި ހެދުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

ޅ. ނައިފަރުގައި މަހުގެ ހަމުން ހަދާފައި ހުރި ބައެއް ތަކެތި. -- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

"އެ އެއްޗެހި ވިއްކަން ވެސް ހުންނާނެ ޖަހާފަ. އަޅުގަނޑުމެން ޝޭޕެއް ޕްރިންޓް ކޮށްލީމަ އެ ހުންނަނީ އެގޮތަށް ހަދާފައި އެއްޗެހި ހަދާފައި ބަލައިގެން." އައިޝަތު ބުންޏެވެ.

އައިޝަތު ބުނީ ފަލްޒޫން އެންގެ ފުރަތަމަ ލެދާ ހަދަން ދަސްކުރީ ކަންނެލި މަހުގެ ހަމުން ކަމަށެވެ. އެ އެއްޗެހި ހެދުމަށް ބޭނުންވާ ސާމާނު ފަޒްލޫނަށް އާއިލާއިން ހޯދައި ދީފައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

މަހުގެ ހަމުން ލެދާ ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ލޮނާއި ފެން އަޅާފައި ކުލައަރާ ވައްތަރުގެ ގަހުގެ ދޮށި އަޅާފައި ކައްކަނީއެވެ. އެއަށް ފަހު ފެންގަނޑު ހިހޫވަންދެން ބަހައްޓަނީއެވެ.

ފެންގަނޑު ހިހޫވުމުން މަހުގެ ހަން އަޅާފައި ހުންނަ ތެއްޔަށް ފެންގަނޑު އޮއްސާލަނީއެވެ. އަދި އޭގެ މަތި ޖަހާފައި ބަހައްޓަނީއެވެ. 30 ދުވަސްވަންދެން އެގޮތަށް ފެން ކެއްކުމަށް ފަހު ފެންގަނޑު ބަދަލުކޮށްލައެވެ.

ޅ. ނައިފަރުގައި މަހުގެ ހަމުން ލެދާ ހެދުމުގެ މަސައްކަތް ކުރަނީ -- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

އެއަށް ފަހު އެ އެއްޗެހި ހިއްކުމަށް ފޮށިގަނޑުގެ ތެރޭގައި ބަހައްޓަނީއެވެ. އެއަށް ފަހުގައި ހަރު ތަނެއްގައި ހަން އޮމާން ކުރުމަށް ކަތަނީއެވެ. އޮމާން ކުރާއިރުގައި ތެޔޮ ވެސް ބޭނުން ކުރެއެވެ.

ފަޒްލޫން ލެދާ ހަދާއިރުގައި ބޭނުންކުރަނީ ބޯ ކޮށް ހުންނަ ހަމެވެ. އަދި ކަންނެލި މަހުގެ ހަމެވެ.

ލެދާއަށް ރާއްޖޭގައި ޑިމާންޑެއް ނެތް!

ފަޒްލޫން ހަދާ ލެދާގެ ވިއްކަނީ 50 ރުފިޔާއަށެވެ. އަދި ނާށިން ހަދާފައި ހުންނަ ފަށުފޫ ވިއްކަނީ 45 ރުފިޔާއަށެވެ.

އެތަކެތި ތައްޔާރުކުރުމަށް ކުރާ މަސައްކަތަށް ބަލާފައި އެ އަގު އަސްލު ރަނގަޅު ނޫން ކަމަށް އައިޝަތު ބުންޏެވެ. އަދި އެ ތަކެތި ވިކެނީވެސް ވަރަށް މަދުން ކަމަށް އޭނާ ކިޔައި ދިނެވެ.

ޅ. ނައިފަރުގައި މަހުގެ ހަމުން ލެދާ ހެދުމުގެ މަސައްކަތް ކުރަނީ. -- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

" އަސްލު ނޯވެ އެއްވެސް އިރަކު އެ އެއްޗިއްސަށް ޑިމާންޑެއް. ދޭތެރެއަކުން މިހެން މީހަކު އެއްޗެއް ގަނެލަނީ. ކުރީގަ ޖުވެނައިލްއިން ރިސޯޓްތަކަށް ސަޕްލައިކޮށްދިން އޭރުގައި ލިބުނު އެއްޗެއް. އެކަމަކު ވިއްކުން ހުއްޓާލީމަ ރަނގަޅު އެއްޗެއް ނުލިބެ." އައިޝަތު ބުންޏެވެ.

ކުރިއަށް ދިއުމަށް މުޖްތަމައުގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކެއް

އައިޝަތު ބުނީ ލެދާ ހެދުމުގެ މަސައްކަތަކުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންކަމުން ފަޒްލޫން ހުންނަނީ ވަރަށް މާޔޫސްވެފައި ކަމަށެވެ. އޭނާ ބޭނުންވަނީ އެ މަސައްކަތުގައި ކުރިއަށްދާނެ މަގެއް ކަމަށް އައިޝަތު ބުންޏެވެ.

ފަޒްލޫން އެކި މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި ނަމަވެސް ނައިފަރުގައި އޭނާއަށް އެ ފުރުސަތު ނުލިބޭ ކަމަށް އައިޝަތު ބުންޏެވެ. އެގޮތުން ރަށުގައި ފަޒްލޫނަށް ލައިސެންސް ނެގޭނެ ގޮތެއް ވެސް ނެތް ކަމަށް ކިޔައި ދިނެވެ.

ޅ. ނައިފަރުގައި މަހުގެ ހަމުން ހަދާފައި ހުރި ބައެއް ތަކެތި. -- ވަގުތު އިމޭޖެސް: އަޙްމަދު އަލީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ މިހާރު ދެއެވެ. އެގޮތުން ނައިފަރުން ވެސް ވަޒީފާއެއް ހޯދުމަށް ފަޒްލޫން މަސައްކަތް ކުރި ކަމަށް އައިޝަތު ބުންޏެވެ. ނަމަވެސް ފަޒްލޫނަކީ ވާހަކަނުދެއްކޭ އަޑުނީވޭ މީހެއް ކަމަށް ބުނެ ވަޒީފާ ނުދިން ކަމަށް ބުންޏެވެ.

ފަޒްލޫނާއި ފަޒްލޫންގެ އާއިލާގެ އެދުމަކީ ފަޒްލޫނަށް ރަނގަޅު ވަޒީފާއެއް ލިބުމުގެ މަގު ފަހިވުމެވެ. އަދި މިހާރު މުޖްތަމައުގެ ތެރެއިން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުވާނެ ދުވަހެއް އަންނާނެ ކަމަށް އެ އާއިލާއިން އުންމީދު ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސާފުޅުބެ

    ތިޔަކަމަށް އަލިމަގެއް ފެނޭތޯ ސަރުކާރުތެރެއިން ނުވަތަ ތަނަވަސް މީހެއްގެ އަތެއްގެ އެހީތެރިކަމެއް ނަމަވެސް ދީގެން، ހިތްވަރު ގަދަކުރުވަން ޖެހެއެވެ. މަސައްކަތްކުރާ ގޮތް ބަލާލަން ދާހިތްވެއްޖެ.

    61
    1
  2. އައިސް

    މާޝާﷲ. ކޮންފަދަ ހުނަރެއް

    35
  3. ވަރަ

    ވަރަށް ރަނގަޅު އާޓިކަލް އެއް. ޖުވެނައިލުން ކޮށްދޭންވީ ކަމަކީ މާލޭގަ ހުންނަ އޮތެންޓިކް މޯލްޑީވްސަށް މިތަކެތި ސަޕްލައި ކޮށްދޭންވީ. އަގުވެސް ބޮޑުކޮށް ވިކޭނެ.

    15
    1