އަންނަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ކެމްޕޭންގައި ދިދަ ޖެހުމަށް އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރު އަހުމަދު ރިޝްވާން ނުކުންނެވުމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. އެތެރޭގެ އިންތިހާބުތަކާއެކު އެ މަންޒަރު ވަރަށް ބޮޑަށް ސާފުވެފައެވެ.

އެގޮތުން ނަޝީދުގެ ތާއީދާއެކު އިންތި ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ދެން ވާދަކުރައްވަނީ ރައީސް ސޯލިހްގެ އެންމެ އަރިސް އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މެމްބަރު ބޮންޑޭ އަކީ ފެށުނީއްސުރެވެސް ރައީސް ނަޝީދާއިއެކުގައި ހުންނެވި ބޭފުޅެކެވެ. މި އިންތިހާބުގައި ތާއީދުކުރައްވަނީ ވެސް އިންތިއަށެވެ.

މިގޮތުން މިއަދު ހަވީރު ކެލާއަށް މިނިސްޓަރ ފައްޔާޒު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ކެމްޕޭނަށް މިނިސްޓަރ ވަޑައިގަންނަވާތީ ރަށުގެ ބަނދަރުމަތީ ދިދަ ޖެހުމަށް ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުން ނުކުތްއިރު އެމަސައްކަތުގައި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު ރިޝްވާންވެސް ވަނީ ބައިވެރިވެފައެވެ.

އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ކުރެއްވި ޓުވީޓެއްގައި ބޮންޑޭ ވިދާޅުވީ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު ނުކުމެ ވަޒީރު ބޮޑުގިފިލިކުރަން ގުއިވަޅު ޖަހާދޭންޖެހޭ ހިސާބަށް ކަންތައް މުޑުދާރުވުމުން ރައްޔިތުންގެ ބާރުވެރިކަމާއި އިންސާފު ގެއްލިފައިވާ ކަމަށެވެ. އަދި އެ ބާރުވެރިކަމާއި އިންސާފު އަލުން ރައްޔިތުންނަށް ހޯދުމަށްޓަކައި އިންތިއަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

"ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު ނުކުމެ ވަޒީރު ބޮޑުގިފިލިކުރަން ގުއިވަޅު ޖަހާދޭންޖެހޭ ހިސާބަށް ކަންތައް މުޑުދާރުވުމުން ރައްޔިތުންގެ ބާރުވެރިކަމާއި އިންސާފު ގެއްލިދޭ. ރައްޔިތުމީހާގެ ބާރުވެރިކަން ދެމެހެއްޓުމަށް އިންތިއަށް ވޯޓު ދެއްވާ!" އޭނާ ވިދާޅުވިއެވެ.

އަދި މާދަމާވެސް ޕާޓީގެ އިންތިހާބުގައި މައްސަލައެއް ދިމާވެއްޖެ ކަމުގައި ވާނަމަ، އެމައްސަލަ ބައްލަވަން ހުންނަ ބޮޑު ފަނޑިޔާރު އެފަދައިން ވަކި ކެނޑިޑޭޓެއްގެ ކެމްޕޭންގައި ހަރަކާތްތެރި ވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް "ވަގުތު"އާއި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއިއެކުގައި ޕާޓީގެ ދެ ރައީސުންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އަދި ދެ ފެކްޝަންގެ މެންބަރުން ގެންދަވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްދުންމަތި

    މަކަރުވެރި ހިޔަޅުންނަށް ވުރެން ފައްޔާޒު މާހިންގުންތެރި..

    މަވެސް ފައްޔާޒަށް.. ހިނގާ އެމްނެ އެއްކޮށް ފައްޔާޒު ހޮވަން..

    ދެން ލަލަލާ...!

    7
    1
  2. ސަންފަ

    ޢިންތި ގެ ދަތުރަށް ދިދަ ޖަހައި ނުދިނީތޯ ތިޔަވަރަށް ތިޔަ އަގަ ހަޑިކުރަނީ . ޢެމްޑީޕީ ވިއްޔާ އިންތިއަށް ކޮށްދޭ ކަމެއް ފައްޔާޒަށްވެސް ކޮށްދޭން ޖެހޭނެތާ . ދެމީހުނަކީވެސް އެމްޑީޕީ މެމްބަރުން ނޫންބާ . ބޮންޑޭއަށް ހީކުރެވުނީ ތޯއްޗެ ފައްޔާޒަކީ ޕީޕީއެމް މީހެކޭ.