ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެއް ދައުލަތުން ވަނީ ނިހާންގެ މައްޗަށް އުފުލާފައެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލާގައި އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދައުލަތުން އަޑުއެހުން ކެންސަލް ކޮށްދޭން ސިޓީއެއް ފޮނުވާފައި އޮތުމުން އެ އަޑުއެހުން ކެންސަލް ވެފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރަން ދައުލަތުން އެދުނު ސަބަބެއް ސާފެއް ނުވެއެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ހެކި ހާމަ ކުރުމެވެ. ނިހާންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ހެކިން ހާޒިރު ކުރަން ވަނީ ހުށަހަޅުއްވައިފައެވެ.

އޭގެ ތެރޭގައި މިދިޔަ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވައިފައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީންގެ ނަން ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން ވެސް ހުށަހަޅުއްވައިފައެވެ.

މަޖިލިސް މެންބަރުން ހުށަހަޅުއްވާފައިވަނީ މަޖިލީހުގައި ކަންތައްތައް ކުރާ ގޮތާއި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ކަންތައްތައް ނިންމާ ގޮތް ކޯޓުގައި ސާފު ކުރުމަށްޓަކައެވެ. އަދީބުގެ ގާނޫނީ ވަކީލެއް ގޮތުގައި ޝަމީމް އުޅުއްވުމުން އަދީބުގެ ލެޕްޓޮޕުން ފެނުނު މައުލޫމާތު ރަނގަޅު ނޫން ކަން ސާބިތު ކުރަން ޝަމީމް ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ކަމަށް ނިހާންގެ ފަރާތުން ވިދާޅުވެފައި ވެއެވެ،