ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ތަހްގީގެއް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ޚަބަރެއްގައި ސްކީމަކާއި ގުޅޭ ތަހްގީގެއް ފެށިކަމަށް ވިދާޅުވި ނަމަވެސް ތުހުމަތުތައް އަމާޒުވެފައިވާ ކުންފުނީގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުންނާއި ރަސްމީ އެހެން އިދާރާތަކުން ވެސް ތުހުމަތުތަކެއް ކުރަމުން ގެންދަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ ކިންގްސް ފޮރެކްސް ކުންފުންޏަށެވެ.

ފުލުހުން ވިދާޅުވީ ފުލުހުންނަށް އިދާރާތަކުން ދިން މައުލޫމާތުތަކާއި ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ.

އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށާއި އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ޚަބަރާއި ގުޅިގެން އަލްހާން "ވަގުތު" އަށް ވިދާޅުވީ ވަކިކުންފުންޏެއްގެ ނަން ފުލުހުން ހާމަނުކޮށް އޭނާގެ ކުންފުންޏަށް ނުސީދާ ތުހުމަތެއް ކުރުމަކީ ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. "ކުންފުންޏަކުން ޖިނާއީ ކުށެއް ކުރަމުންދާނަމަ އެކުންފުންޏެއްގެ ނަމާއިއެކު ރައްޔިތުންނަށް އެކަން ހާމަކުރަން ޖެހޭނެ. އެފަދަ ކުންފުންޏެއްގެ ނަން އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް." އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ކިންގްސްގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެއީ އެއްވެސް އަސާސެއްނެތް ތުހުމަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާ ކުރުމުގެ ގާނޫނާއި ހިލާފު އެއްވެސް އަމަލެއް އެކުންފުނިން ކޮށްފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވާކަމެއް ނެތް. އަޅުގަނޑުމެން ނޯންނާނެ ޖިނާއީ ކުށެއް ކޮށްފައެއް. އަދި މިހާތަނަށް ފުލުހުން ވެސް އެމްއެމްއޭ އިން ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކުން ވެސް ނެތް މިކުންފުނީގެ އެއްވެސް މީހަކާއި ސުވާލެއް ވެސް ކޮށްފައެއް." އަލްހާން ވިދާޅުވިއެވެ.

ފުލުހުން މިރޭ ވިދާޅުވީ މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.