ފޭކް ސްލިޕްތަކެއް ފޮނުވައިގެން ރާސްޓަސް ކުރި ބަންގްލަދޭޝް މީހަކު ފުލުހަށް ހާޒިރު ވާން ފުލުހުން އަންގައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ސައްހަނޫން އިންޓަރނެޓް ބޭންކިންގ ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް މުހައްމަދު އަރުޝަދު މިއާ (35އ) ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ސައްހަނޫން އިންޓަރނެޓް ބޭންކިންގ ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން 17471 ރުފިޔާގެ ރާސްޓަސްކޮށްފައިވާ މައްސަލައިގެތަހުގީގަށް، ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހާޒިރު ވާން ޖެހޭނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނަށް އޮގަސްޓް 22 ވަނަ ދުވަހުގެ 10:00 އަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފޭކް ސްލިޕް ހަދައިގެން ވިޔަފާރި ކުރުން ވަނީ ވަރަށް އާއްމުވެފައެވެ. އެފަދަ މައްސަލަތަކުގައި މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށް، ޖަލު ހުކުމް ވެސް އިއްވާފައި ވެއެވެ.