ދެފޮށި ސިނގިރޭޓާއި ރެޑްބުލް ދަޅެއް މާލޭގެ ފިހާރައަކުން ގަތުމަށް ފަހު ފިހާރައިގެ ސޭޓަށް ބީއެމްއެލްގެ ފޭކް ސްލިޕެއް ފޮނުވި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިހުކުމް އައީ އިބްރާހިމް ހަލީލް ނަމަކަށް ކިޔާ ހއ.ދިއްދޫ މީހަކަށެވެ.

ދައުލަތުން އިބްރާހިމް ޚަލީލްގެ މައްޗަށް އުފުލީ އެނގިހުރެ ޞައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދަޢުވާއެވެ. އިބްރާހީމް ޚަލީލްގެ މައްޗަށް މިދައުވާ ކުރީ 29 ޖޫން 2021 ދުވަހު 15:15 އެހައިކަންހައިއިރު، ކ.މާލެ، "ފްރެޝް އެންޑް އައިސް" ފިހާރައިން ދެކެމަލް ހާޑް ސިނގިރޭޓް ފޮއްޓާއި، ދެރެޑް ބުލްއާއި، އެއްސްނިކާސް ޗޮކްލެޓްއާއި، އެއްމާސް ޗޮކްލެޓް ނެގުމަށްފަހު، މިތަކެތީގެ އަގަށްވާ -/304 (ތިންސަތޭކު ހަތަރު ރުފިޔާ) އެ ފިހާރައިގެ އެކައުންޓަށް ޓްރާންސްފަރ ކުރިކަމަށް ދެއްކުމަށްޓަކައި، ބީއެމްއެލްގެ ނަމުގައި ހަދާފައިވާ ޞައްޙަނޫން ޓްރާންސްފަރ ރިސިޕްޓެއް މީނާގެ އަތުގައި އޮތް ފޯނުން އެވަގުތު އެ ފިހާރައިގައި ސޭޓަކަށް އިން މީހާ އަށް ފޮނުވުމުންނެވެ.

އިބްތިދާއީ އަޑުއެހުމުގައި އިބްރާހިމް ޚަލީލް ވަނީ ދައުވާއަށް އިއުތިރާފް ވެފައެވެ. އެހެންކަމުން މިމައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ދައުލަތުން ބުނެފައިވަނީ މި ކުށަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި މިކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި، އަދި ކުށަށް އިޢުތިރާފްވެފައިވާތީ، އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެ ކަމަށާއި، އެހެންކަމުން މީނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ހަތް މަހާއި ހަދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.

ދަޢުވާލިބޭ އިބްރާހީމް ޚަލީލް ބުނެފައިވަނީ، ވީހާވެސް ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އެދޭ ކަމަށާއި، އޭނާ އެދެނީ ގޭގައި ބަންދުކުރުމުގެ އަދަބެއް ކަނޑައަޅައިދިނުމަށް ކަމަށެވެ.

މިއީ މިބާވަތުގެ މައްސަލައެއް އިބްރާހިމް ޚަލީލްގެ ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވާތީއާއި، ޝަރީއަތުގެ މަރުހަލާގައި ޝަރީއަތަށް ދީފައިވާ އެއްބާރުލުމަށާއި، އަދި ސައްހަނޫން ބޭންކް ސްލިޕްގައި ހިމެނޭ ފައިސާގެ މިންވަރު ކުޑަ ކަމާއި، މިކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ މިންވަރު އެއްދަރަޖަ ދަށް ކުރުމަށް ފަނޑިޔާރު ނިންމެވިއެވެ.

އެހެންކަމުން އޭނާގެ މައްޗަށް އައީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ޓްރާސްފާ ކުރުން އިތުރުވުމާއިއެކު ސައްހަ ނޫން ބޭންކް ސްލިޕްތައް ފޮނުވައިގެން ވިޔަފާރި ކުރުން ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. ބައެއް މީހުން ވަނީ ސިއްހަ ނޫން ސްލިޕް ފޮނުވައިގެން އެތައް ލައްކަ ރުފިޔާގެ ވިޔަފާރި ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިމުނ1

    ދެ ކިލޯ ޑްރަގް ނަމަ ކިހިނެއް ވާނީ.. .....

  2. ކާފަބޭ2020

    އޮޅުވާލައިގެން އެތައްމިލިއަންރުފިޔާއެއް އެއްޗެއްގަތުމުގެނަމުގަ ޖަމާކޮށްދިންމީހުން އަރާމުގަފިނިކޮޓަރީގަ އުންސުރާފަންސުރު ދިމާނުކުރެވިފަ! 200ރުފިޔާގެވަގުސްލިޕެއް(ފޮނުވައިގެންނުވާނެ) ފޮނުވިމީހަކު އުންސުރާފަންސުރުދިމާވާތީޖަލަށް😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆