ކަރަންޓުގެ ޚިދުމަތުގެ އަގު ތިރި ކުރުމުގެ ގޮތުން ސްޓެލްކޯއާއި ފެނަކައަށް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ދޭން ގޮވާލައި ހުށަހެޅި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ތެލުގެ ދަތިކަން ދިމާވެދާނެ ކަމަށް ބަލާފައިވާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފެލެމުން ދަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެހެން ބާރުތަކުން ރަޝިއާއަށް ފިޔަވަޅު އަޅާތީ ރަޝިއާގެ ތެލުގެ އެކްސްޕޯޓަށް ގެންނަ ބަދަލުތަކާއި ގުޅިގެނެވެ.

ޖާބިރު ވިދާޅުވީ، ތެޔޮ އެތެރެ ކުރަނީ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓީއޯއިން ކަމަށާއި އެސްޓީއޯއިން ތެޔޮ ގަނެގެން ކަރަންޓު ކުންފުނިތަކުން އެ ޚިދުމަތް ދޭނަމަ އޭގެ އަގު އުފުލިދާނެ ކަމަށެވެ.

އެހެންވެގެން ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސްޓެލްކޯގައި ތެޔޮ ރައްކާ ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށް ބެލެވޭތީ އެ ކުންފުންޏާއި ފެނަކައަށް ވެސް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ދިނުމަށެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ބަހުސަށް ހުޅުވާލުމުގެ ބަދަލުގައި މައްސަލަ ބޭރުކޮށްލަން 28 މެންބަރުން ވޯޓު ދެއްވިއެވެ.

ޖާބިރު އާންމު ގޮތެއްގައި ހުށަހަޅުއްވާ ގިނަ ކުއްލި މައްސަލަތަކާއި ގަރާރުތައް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައެވެ. 87 މެންބަރުން ތިއްބަވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާދިރު

    އޭރުން ބޮޑުންގެ ޖޯބުތަކަށް ވަންނަވަރު މަދުވާނެ ސޮރީ ޖާބެ

  2. ާާަަޢަލީ

    ޤާަސިމައް ކޮއްދޭ ވައްކަންނުކުރެވޭނެތީ ބިލް ބޭރުކޮއްލީި