މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކުން އަދި އޮތީ ފައިސާ ހޯދުމުގެ މަރުހަލާގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މާލެ ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކާއި މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން ސުވާލެއް ހުށަހަޅުއްވައިފައެވެ.

އެ ސުވާލުގެ ޖަވާބު ލިޔުމުން މިނިސްޓަރު ފޮނުއްވިއިރު، އޭގައިވާ ގޮތުން ގިރާވަރު ފަޅުން 2،000 ގޯތި ދޫކުރަން ބިން ހިއްކުމުގެ ޕްލޭންއާއި ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ގުޅީފަޅުން ވެސް 2،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ގުޅީފަޅުން ހިއްކާ ބިމުގެ ލޭންޑް ޔޫސް ޕްލޭންގެ އިތުރުން ފައިސާ ހޯދަން ލޯން އެގްރިމެންޓްއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.

ހުޅުމާލޭން ވެސް 1،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، އެ ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓުތައް އެކުލަވާލާފައިވެއެވެ. ގޯތި ދޫކުރުމުގެ އުސޫލު މުޅިން ނިންމުމަށް ފަހު ހުޅުވާލައި ގޯތި ދިނުމުގެ މަސައްކަތް ޖޫން މަހަށް ނިންމޭނެ ކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

މާލެ ސަރަހައްދުގައި މި ސަރުކާރުން އަޅަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް ދައުރު ނިމޭއިރު ވެސް ނުނިމޭނެ ކަން މިނިސްޓަރު އަސްލަމް ވަނީ ހާމަ ކުރައްވައިފައެވެ. އެއިން 2،000 ހައުސިން ޔުނިޓް ނިމެނީ 2024 އަށެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓް ނިމޭނެ ކަމަށް ބެލެވެނީ 2025 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާންޔާ

    މި އަސްލަމު ލައިގެން މިކަމެއް ނުވާނެ .ހުސް އަނގަ ތެޅުން ނޫން ކަމެއް ނުވެ . ކޮންމެދުހުކު އެކިގޮތައް ވާހަކަ ހުންނަ މިނިސްޓަރަކު މިނޫނިއްޔާ ނޫޅޭނެ . އަސްލަމުގެ ބޭނުމަކީ އެމްޑީޕީ ފެއިލްކޮށްލުން . ވަރައް ސާފު .ބުނާބަހަކާ އަމަލަކާ ވާކަމެއް ހަރާން، ގައުމުގެ ރައީސާކާ މީނާ މިދައްކާ ވާހަކަޔަކާ ދިމާނުވެ .
    ތިޔަ ބުނާ ފުލެޓަކާ ، ބިމަކާނުކިޔަ ، މާލެ ރައްޔިތުންނައް ކަނޑެއްދައްކާފަ އެތަން ހިއްކާއިގެން އަމިއްލަޔައް ހަދައިގެން އުޅޭށޭ ބުންޔަސް އެކަން ކުރުންވެސް މާރަނގަޅު .
    މުއިޒު ފަދަ ކިޔަވައިގެން ހުރި ހަރުދަނާ ކަންކަން ކުރަންއެނގޭ މިނިސްޓަރަކު ރާއްޖޭގެ ތާރީހުންވެސް ނުފެނާނެ .