ނުރަނގަޅު ކަންކަން މަތި ޖެހުމަށް ސަރުކާރުގެ މުއައްސަސާތައް ބޭނުން ކުރުމަކީ ސަރުކާރާއި އެމްޑީޕީ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ ހަސަން ލަތީފު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވާ ޓުވީޓާގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ ރަސްމީ ވެރިފައިޑް އެކައުންޓުން ދެއްވި ރައްދެއްގައި ވަރަށް ހުތުރު ބަހުން މުއާމަލާތް ކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓާގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލް (ލޫކަސް) މިއަދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ރައްދުދެއްވިއެވެ. އަދި ނުވެގެން އުޅެނީ ކޮންކަމެއްތޯ އާއި ވަޒީރުކަމުގައި ފައްޔާޒު ހުންނެވީ އެމްޑީޕީގެ ލީޑާޝިޕުން މަސައްކަތްތަކެއްކޮށްގެން އިންތިޚާބުތަކެއް ކާމިޔާބުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވާ މިއަދު ހެނދުނު އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު އެކަނި ކުރެއްވި މަސައްކަތުން ނޫން ކަމަށެވެ.

"ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތުން އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ؟" އެ ޓުވީޓުގައި ލިޔެފައިވެއެވެ.

އޭގައި ލިޔެފައި އޮތީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ކެތްގަދަ ކަމަށެވެ.

މިކަމާ ގުޅިގެން "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ އެ ޓުވީޓު ރަސްމީ ވެރިފައިޑް އައިޑީން ކުރެއްވިކަން އޭނާއަށް ވެސް އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"އެ މައްސަލަ މިހާރު އަޅުގަނޑު ފުލުހުންނާ ވެސް ވާހަކަދައްކައިގެން، އަޅުގަނޑުގެ ޕާސްވޯޑުވެސް ބަދަލުކޮށްފައިވާނީ. އަދި އެ ނޫން ޓުވީޓުތަކެއް ވެސް ކޮށްފައިވާ ކަމަށް ވަނީ. ހަމަ ކޮށްފައި ޑިލީޓު ކޮށްފައި" އަލީ ޒާހިރު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް, ބޭނުން ކުރަމުން ކުރަމުން ގެންދިޔައީމަ ރައްޔިތުން ދައުލަތަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.

"ކުރާ ނުރަނގަޅު ކަންކަން މަތި ޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް, ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ކުރަމުން ގެންދިޔައީމާ މުޅި ދައުލަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިދޭ. އެހެން ނުހައްދަވާ. ޕާޓީ އާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ" ރައީސް ސޯލިހް ޓެގް ކުރައްވާ ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅިގެން އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އަދި ރައީސް ނަޝީދަށް ވަފާތެރި ފަރާތްތަކާއި ދެމެދުގައި ވަނީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އރ

    ހަސަން ލަތީފު އަށް އަދިަމުދުން އިތުބާރު ވަނީގެއްލިފަ.

    19
    1
  2. ައޮފްބެ

    ދެ ކޮޅުން ތަޅާފޮޅާތީވެސް ޕާޓީ އަށް ގެލުން އެބަވޭ،.. ހުޢްޓާލާ!!!

    3
    2
  3. ގިފިލި

    ފުޅައްމަތިން ބޯ ދިއްކުރާމީހަ ކީކޭ މިކިޔަނީ