އއ. އުކުޅަސްގެ ކުނި ގޮޑުން އަރާ ދުމުގެ ސަބަބުން އެ ރަށު ސްކޫލްގެ ކިޔެވުން މެދުކެނޑިއްޖެ އެވެ.

އުކުޅަސް ސްކޫލްގެ ސްޕޯޓްސް ސްޕަވައިޒާ އަދުހަމް މުހައްމަދު "ވަގުތު"އަށް ވިދާޅުވީ ކުނިގޮނޑު ހުންނަނީ ސްކޫލާ ޖެހިގެން ކަމަށެވެ. އެތަނުން ސްކޫލައް ދުންއަރާ މައްސަލަ ދިމާވާތާ މިހާރު ތިން ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުހަމް ވިދާޅުވީ ފުރަތަމަ ދުވަހު ސްކޫލަށް އެރީ ހަމައެކަނި ދުން ކަމަށެވެ. ދެވަނަ ދުވަހު ދުމާއި އަޅީގެ އަސަރު ސްކޫލަށް ކުރި ކަމަށާއި، އަދި މިއަދު ދުން އަރާވަރުން ކެތް ނުވެގެން ސްކޫލްގެ ކިޔެވުން މެނދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅަނގު މޫސުމުގައި އަބަދުވެސް މި މައްސަލަ ދިމާވޭ. މި މައްސަލަ ހައްލު ކުރަން ކައުންސިލާއި މަޝްވަރާ ކުރެވުނު ވަރެށް ވެސް ނޭނގޭ. އަދި ވެސް މައްސަލައަށް ހައްލެއް ނުލިބޭ." އަދުހަމް ވިދާޅުވިއެވެ.

އުކުޅަސް ސްކޫލްގެ އެތެރޭގައި ދުން - ފޮޓޯ: ކިޔުންތެރިއެއް

މީގެ އިތުރުން އަދުހަމް ވިދާޅުވީ އާންމުކޮށް ރަށުގައި ކުނި ގޮނޑު އަންދަނީ ރޭގަނޑު ކަމަށާއި އެ ގަޑީގައި ވެސް ރަށު ތެރެއަށް ދިލަ ދުން އަރާ ކަމަށެވެ. ރަށުގެ ކުނިގޮނޑުގެ ދުމުގެ އަސަރު ރަށްޔިތުން ދިރިއުޅޭ ސަރަހައްދަށް ކުރާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން އުކުޅަސް ކައުންސިލްގެ ރައީސް ސައުކަތް އިބްރާހިމް ވިދާޅުވީ މިއަދު ސްކޫލަށް ދުންއެރީ އެތާގައި މަސައްކަތް ކުރާ މުވައްޒަފުން ބްރޭކް ވަގުތަށް ދިއުމުން މީހަކު ހުޅު ޖެހުމުން ކަމަށެވެ. އަދި ކުރިން ވެސް މެންދުރު ކުނިގޮނޑުގައި އަލިފާން ރޯވުން އެއީ އެކްސިޑެންޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ސައުކަތު ވިދާޅުވީ 1140 މީހުން ދިރިއުޅޭ އުކުޅަސްގައި ކޮންމެ ދުވަހަކު ކުނިތައް އަންދަނީ ރޭގަނޑު 10:30 އިން 11:00 އަށް ކަމަށެވެ. އެ ގަޑީގައި ކުނި އަންދަނީ ރައްޔިތުންނަށް ވިހާވެސް އުނދަގޫ ކުޑަ ކުރުމަށް ކަމަށްވެސް ސައުކަތު ވިދާޅުވިއެވެ.

އުކުޅަސް ސްކޫލްގެ ކައިރީގައި ހުންނަ ކުނިގޮނޑުގައި ރޯވެފައި - ފޮޓޯ: ކިޔުންތެރިއެއް

އުކުޅަހުގެ ކުނިގޮނޑު އެހެންތާކަށް ބަދަލު ކުރެވެންވެސް ނެތްކަން ފާހަގަކުރައްވަމުން ސައުކަތު ވިދާޅުވީ ސަރުކާރުން އެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތިލަފުށީގައި ސަރުކާރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމުން ކުނީގެ މައްސަލަ ހައްލުވެގެންދާނެ. އޭރުން އެ ކުނިތައް ގެންދާނީ ތިލަފުއްޓައް. ރަށުގައި ކުނި އެންދުން ނިމުމަކަށް އަންނާނެ އޭރުން." ސައުކަތު ވިދާޅުވި އެވެ.

ސައުކަތު ވިދާޅުވީ އެ ރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި އޭރުން އެ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.