ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ކާބޯތަކެތީގެ ހިދުމަތް ދިނުން ވަގުތުން ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

މިއަދު އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ، އެތަނުގައި ހުންނަ ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ނުހުންނަ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބޭ ކަމަށް ބުނެފައި ވެއެވެ. އަދި އެތަންތަނުގައި ގާޑިޔަލާއި މޭޒު ފަދަ އެއްޗެހި ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިކުުރަމުންދަނީ ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ވެސް ނުނަގައި އުސޫލާ ހިލާފަށް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެހެންކަމުން އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްތައްދޭ ބަހައްޓާފައި ހުރި ތަކެތި މާދަމާ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނަގައި، ތަން ސާފުކޮށް ހިދުމަތް ހުއްޓާލަން އެޗްޑީސީން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ. އަދި އެ ތާރީހާ ހަމައަށް ހިދުމަތް ދިނުން ހުއްޓާނުލާނަމަ ފިޔަވަޅު އަޅާ، ނުނަގާ ހުރި ތަކެތި ނަގާ އުކާލާނެ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި ހަވީރު ހެދިކާ ވިއްކުމާ ރޭގަނޑު އެކިކަހަލަ ކާބޯތަކެތި ވިއްކުމުގެ މަސައްކަތް ފުލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އެފަދަ ފަރާތްތަކުން ހިޔާ ފުލެޓުތައް ކައިރީގައި ކާބޯތަކެތި ވިއްކަނީ ހުއްދަ ނަގައިގެން ނޫން ކަމަށް އެޗްޑީސީން ބުނާއިރު އެފަދަ ވިޔަފާރި ކުރެވޭނީ ސަރުކާރުން ހުއްދަ ނަގައިގެންކަން ފާހަގަކޮށްލަން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަވްރޯސް

    ދިވެހިން އުޅޭ ފާޑެއް ދެން ދޯ! ކާއެއްޗެހި ބަހައްޓަބަލަ ގޭގަ. މުޅި ސަރަހައްދުގަވެސް އެ. ދުވާ ވަހުން މިއުޅެނީ ނޭވާ ނުލެވިގެން ތި ސަރަހައްދަށް ދާ ކޮންމެ ފަހަރަކު.

  2. މަރޔަމް

    ސާބަސް ހަމަ ސާބަސް
    ކޮބާ ކުރިން ހުޅުމާލޭ ބީޗުން ބޭރުކޮއްލި ކެފޭގެ ޚިދުމަތް
    މިހާރު ބީޗްގަ ގޮޑިޖަހާގެން ހިންގަނީ ކިތައް ކެފޭބާ ނިކަން ރޭގަޑު ބީޗްމަތިން ހިގާލަބަލަ.
    ހުއްޓުވޭނެތަ ނުވާނެ އެކަމެއް.
    ރަގަޅު މިހާރު އެކަން ކުރަނީ އެހެން ލެވެލް އެއްގަ. ކުރިންކުރި ގޮތަކައްނޫން އެކަމަކު ހަމަ ކުރަނީ އެއްކަމއްް

  3. ނޭވާޙޮޅި

    ޜައްޔިތަކަށް އެއްޗެއްްލިބެން ނޭދޭ ސަރުކާރު. ނޭވާ ހޮޅިން ވައްކަންކުރި ސަރުކާރު، ކޮންސަރުކާރު!