އެމެރިކާގެ ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމްގައި ރާއްޖެ އިން ބައިވެރިވާން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑްގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޖޯން ޕީޓާ ރޮނިކްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މާރިޔާ ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާއީ ދާއިރާގެ ގާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާ މިޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވިކަމީ، ރާއްޖެއާއި އެމެރިކާ ސަރުކާރާ ދެމެދު، ދިފާއީ އަދި ސަލާމަތީގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، 2020 ވަނަ އަހަރު ސޮއިކުރި ފްރޭމްވަރކް އެގްރީމެންޓަށް އަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މާރިޔާ ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން އެމެރިކާ ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައިފައެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ މާޙައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ، މާރިޔާ ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މަގުފަހިވެގެންދާނެކަމަށެވެ.

މިދާއިރާތަކުގެ ތެރޭގައި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑަރޝިޕްގެ ހުނަރު ތަރައްޤީކުރުމުގެ އިތުރުން، ސައިބަރސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ، މެރިޓައިމް ޑޮމައިން އެވެއާނަސް، އޭވިއޭޝަން ސެކިއުރިޓީ، މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިންގ، އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއަރ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަހީދު

    ރަނގަޅުނިންމުމެއް.

  2. ޖަމާލު

    ފިނދަނަ ދައިތަ އަށް ނޭނގެނީތަ އެމެރިކާގެ މަކަރު ވެރިކަމާ ހީލަތްތެރިކަމާ އެމެރިކާ ދުނިޔެ ފަސާދަ ކުރާކަމާ ޓެރަރިޒަމް ގެ ނަމުގައި އިރާގާ އަފްޣާނިސްތާން ޕާކިސްތާން ސީރިޔާ ފަލަސްތީން ފަދަ އެތައް ގައްމަކުން އެތަކެއް މިލިޔަން މުސްލިމުން މަރާފައި ވާކަމާ މުސްލިމުންގެ އެތަކެއް ގެދޮރާ ބިންތައް ފަނާކޮށްފައި ވާކަން ހަމަ ފިނދަނަ ދައިތަ އަށް ނޭނގެނީތަ. މިހާރު ރަޝިޔާ ކާރީގަ ފަސާދަ ކުރަމުން އެދަނީ. އެމެރިކާގެ ނުފޮރޮއްޕާން ދިވެހިންނަށް ވެސް ޖެހެން ފަށާފަ ވަނީ.

  3. Anonymous

    މާރިޔާ އަށް ވައިޓްހައުސްގެ ވިމެން އޮފް ވޯލްޑު އެވޯޑް ދީފަހުރީ ތިޔަފަދަ އެއްބަސްވުމުގައި ސޮއިކުރަންތާ ؟

  4. އަދދދ

    ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓު ގައުމައް ގައުމު ވިއްކާލީ؟؟