މީސް މީޑީއާގައި 2015 އަހަރުން ފެށިގެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ނިރުބަވެރި ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހޫދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި އިރު، ހޫދުގެ ބަންދާ މެދުގައި ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ނަމަވެސް އޭނާގެ ފޯނާއި ހާޑް ޑިސްކް ފަދަ އެއްޗިއްސަށް މައުލޫމާތުތައް ހުންނަ ތަކެތި އަޅާފައިވާއިރު އައިއެސްގެ މައުލޫމާތު ވެސް ހުރެދާނެ ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ. އެކަމަކު ނިރުބަވެރިކަމުގެ ވިސްނުމެއް ނެތް ކަމަށާއި އޭނާއަކީ މައުލޫމާތު ހޯދާ ހިތްވާ މީހެއް ކަމަށް ހޫދު ބުނެފައިވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހްމީ ވިދާޅުވީ ތުހުމަތުތަކަށް ހޫދު އިންކާރު ކުރި ނަމަވެސް އެއަށް ބާރު ލިބިދޭ ވަރުގެ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާތީ، ދައުލަތުން އެދިފައިވާ ގޮތަށް ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރައްވާ ކަމަށެވެ.

ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް:

1. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 08 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ.

ސަބަބު: މީނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ ޢުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ޙިއްޞާކޮށް، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

2. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުން.

ސަބަބު: އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

3. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.

ސަބަބު: މީނާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

4. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުން.

ސަބަބު: މީނާ އައިއެސް ޖަމާޢަތަށް ތާއީދުކޮށްފައިވާތީ. އަދަބު: 03 އަހަރާއި 05 އަހަރާ ދެމެދު

5. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން.

ސަބަބު: މީނާ މީނާ އައިއެސް ޖަމާޢަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީ. އަދަބު: 01 އަހަރާއި 03 އަހަރާ ދެމެދު

ހޫދުއާ ގުޅޭ މައުލޫމާތު ރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަހުގީގު ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދިވެހި ފުލުހުން ވިދާޅުވެފައިވެއެވެ.