އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ހެދި މި ސަރުކާރު ބަދުނާމްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް، ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިނާ ދިމާކޮށް އައްޑޫ ސިޓީގައި ބޭއްވި ތަރާވީހެއްގައި އިލްޔާސް ވިދާޅުވީ ފައްޔާޒް މަޖިލިހުގެ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވީ ވިޔަފާރި ކަމަށެވެ. އެގޮތުން އެބޭފުޅާގެ ގެ "ބޯގަންވިލާގެ ފުރާޅުން ފެށިގެން ކުންފުނިތައް" ހައްދަވައި "ބޯޑު" އަޅުވާފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އެތައް ފަޅު ރަށެއް ނަގާފައި އެބަހުރި ރިސޯޓު ހަދަން. ތިޔަބޭފުޅުން މިއަދު ވެސް ބައްލަވާ އަޅުގަނޑު މި ދައްކަވާ ވާހަކަ. ކޮބާ އެ ރިސޯޓުތައް ހަދާފައި އެ ތަންތަނުން ވަޒީފާ މީހުންނަށް ހޯދައި ދިން ނަމަ މިއަދު ކިތައް މީހުންނަށް ވަޒީފާ ލިބޭނީ؟ އެއިން އެއްވެސް ރިސޯޓެއް ނުހުޅުވޭ." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވާހަކަ ދައްކަވަނީ.

"ރިސޯޓު ހަދަން ކިއާފައި މެލޭޝިއާގެ އެގްޒިމް ބޭންކުން ލޯން ނަގާފައި އޮތީ. ތިޔަބޭފުޅުންނަށް އެނގޭތޯ، މި ސަރުކާރު އައިއިރު އިންޑިއާ، މެލޭޝިއާ އެގްޒިމް ބޭންކުން ރާއްޖެ އޮތީ ބްލެކްލިސްޓްކޮށްފައި. އެ ލޯން ނުދައްކާ ޑިފޯލްޓްވެގެން. މިހާރު އެ ލޯން ދައްކައިފިޔޯ. އެތައް މިލިއަން ޑޮލަރެއް. ކިހިނެއްތޯ ދެއްކީ އަޅުގަނޑުމެން ހިތަށް އަރާ ސުވާލު އުފެދޭ."

އިލްޔާސް ވަނީ އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުގައި ގެސްޓްހައުސް އަޅާފައި އެކިއެކި މީހުންނަށް ބަހާލާނެ ވާހަކަ ދައްކާ އިރު، އެ ގެސްޓްހައުސްތައް އަޅަނީ ކޮން ޒަމާނަކުތޯ ސުވާލު ކުރައްވައިފައެވެ. ވަޒީރަކަށް ހުންނަވައިގެން ފަސް އަހަރު ނިމިގެންދާ އިރު ވެސް އެކަން ނުކުރެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އައްޑޫ ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް، ދުވަހަކު ވެސް ނުލިބޭ މެޖޯރިޓީއަކުން މި ސަރުކާރު ގެނައީ. އެކަމަކު އިގްތިސާދީ ވަޒީރަކާ ހެދި މި ސިޓީގެ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް. އިގްތިސާދީ ކަމެއް ނެތް،" މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިލްޔާސް ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ފްލެޓާއި ގޯތި ނުލިބިގެން އުޅޭއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން އެޅުއްވި ފްލެޓުތައް ފިޔަވައި އިތުރު ފްލެޓެއް ފެންނަން ނެތް ކަމަށް އިލްޔާސް ވިދާޅުވިއެވެ. މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އެކި ކުންފުނިތައް ހަދައިގެން އުޅުނަސް، އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

"ވަޒީރު ކަމަށް ވަޑައިގެން މިހާރު އެބަހުރި އިކޮނޮމިކް މިނިސްޓްރީގެ ފުރާޅުން ފަށައިގެން ބިންމައްޗާ ހަމައަށް ކުންފުނި ހަދާފައި ބޯޑު އަޅުވާފައި، ތިޔަބޭފުޅުން އަޑު ވެސް ނާހާ ކުންފުނިތައް،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ކިތަންމެ ގިނަ ކުންފުނިތަކެއް ހެދި ކަމުގައި ވިޔަސް، ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމަށެވެ. އަދި އެކުންފުނިތަކުން ކުރާ ކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާޗް މަހު އެ ސިޓީއަށް ވަޑައިގެން ވިދާޅުވެފައި ވަނީ އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އައްޑޫގައި މަޝްރޫއުތައް ހިންގާނެ ކަމަށާއި އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވާނުވާ

    މަޅިގައުމު ބަދުނާމް ވަނީ އަންނި އާ ހެދި
    ވާންޗޯ ވެގެން ނުޅެބަލަ

    29
    6
  2. ހަވަރު ތިނަދޫ ރަތްލާޖެހި އެމްޑީޕީއެއް

    މިފައްޔާޒަކާހުރެ ބޮޑު ނޮހޮރައްޕާނަކަށް ވެއްޖެމިހާރު. މީނައަށް ކިއެއްތަ ހަވަރު ތިނަދޫ ކައުންސިލުން ހަވަރު ތިނަދޫއިން ގޯތި ދިނިއްޔާ ނުދިނިއްޔާ. މީނާ ހަވަރު ތިނަދޫ ކައުންސިލަށް އަންގާފަޔޯ އޮތީ 2023ގެ ޖެނުއަރީގެ ކުރިން ތިނަދޫއިން ގޯތި ދޫނުކުރަން. ގޯތި ދޫކުރަން އިއުލާނު ކުރިޔަސް ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ތިނަދުއަށް ނުދޭނަމޯ. ކަލޯ ފައްޔާޒުއެވެ 2023 ހިސާބަށް ތިނަދޫއިން ގޯތިނުދީ ބާއްވާއިގެން ޖެހޭނީ 2023 އޮޅާޅަށެވެ. މިއީ ހަވަރު ތިނަދޫއެވެ. އެމްޑީޕީ އުފެދުނީވެސް ހަވަރު ތިނަދޫއިންނެވެ. ހަމައެހެންމެ އެމްޑީޕީ ކަފުންކޮއްފަ ވަޅުލުމުގެ ފޯމިއުޅަވެސް ތިނަދޫ މީހުންގެ އަތުގަ އޮތްކަން ހަދާން ކުރާށެވެ

    1
    1
  3. ޕޮގުބާ

    މިސަރުކާރު ބަދުނާމްވަނީ ވަށްކަން ކުރާތީތާ ފައްޔާޒް އެއީ 100 މީހެއް ދެންތިއުޅެނީ ދީން ބަދަލުކުރަން އުޅޭ މީހުން

  4. ޢަހޫތަ

    ބަނބުކެޔޮ ތެލުލަން 2 މިލިއަން ރުފިޔާ.....އިލްޔާސް ގެ ލަދުކޮބާތޯ

  5. ޑްރައި

    އައްނި އާއި ހެދި މުޅިޕާޓީ ހަލާކުވަނީ.

    3
    1
  6. ހަސަނު

    އިލްޔާސުމެން ތިއުޅެނީ އަންނިގެ ތައްޕާހުން އަނެއްކާވެސް މެންބަރުކަމަށް އަންނަން. ބަލަ އައްޑޫ އަސްލަމުމެން ކަހަލަ ޕާޓީއަށް ވަފާތެރި މީހުން ތިއްބާ މަޖިލިސް ނައިބްކަންވެސް އީވާ ކޮށްކޮއަށް ވީއަ ދިނީ. އަންނި ދެކެނީ އަންނި ނޫން މީހަކު ޕާޓީގަ ވެރިކަމުގަ ހުރެގެން ނުވާނެ ކަަމަށް.

    2
    1
  7. ލޮލް

    ކަލޯމެން ހަޖަމް ކޮށްލާ. އެމްޑޕީގެ އޮޑި ރަނގަޅައްވެސް ފެތިއްޖެ!! 🙂

  8. ބުރާންތީ

    އަންނި ބުނާހާ ގޮތަކަށް އުޅުމަކީ ޑިމޮކުރަސީތަ؟ މި އިލިޔާސް މެންނާހުރެ އަށްޑޫއަށް ކަމެއްނުވަނީ އިލިޔާސް ގެ ޖީބޮ ބޮޑުކޮށްފަ ބާކީ ނުވޭ