ކުރީ ސަރުކާރުގައި ހިނގި ހިޔާނާތްތަކާއި އަދި އެމްޑީޕީ ސަރުކާރަށް އައި ފަހުން ހިނގި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް އެމްޑީޕީގެ 40% އިންސައްތަ ހިއްސާ އޮންނަ ސަރުކާރުން މާބޮޑު ޝައުގުވެރިކަމެއް ނުދޭ ކަމަށް އެޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ ކެމްޕެއިނުގެ ތެރެއިން ރ. އަތޮޅު ދުވާފަރުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބާއި އެހެން އިންތިހާބުތައްވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑަކަށް ހަދައިގެން ކަމަށެވެ. އެކަން ކުރެވޭނެ މީހަކީ އޭނާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"ޕާޓީއަށް ގެއްލުންވަނިވި މިފަދަކަންކަން ކޮށްގެން 2023 އަޅުގަނޑުމެނަށް ލިބޭނީ ކިހިނަކުންތޯ. މިސުވާލު އަޅުގަނޑު އުފައްދަން މި ބޭނުން ވަނީ. އަޅުގަނޑުމެންގެ ޕާޓީ އެކަތިގަނޑަކަށް ވެގެން މެނުވީ އަޅުގަނޑުމެނަށް ހަމަ ޔަގީން އަޅުގަނޑުމެނަށް ނޯންނާނެކަން ދެން އޮންނަ ރިޔާސީ އިންތިހާބުތަކާއި އަދި އެނޫންވެސް އިންތިހާބުތައް ކާމިޔާބު ކުރެވޭކަށް. އެހެންވީމަ އަޅުގަނޑު މި ގޮވާލަނީ ހުރިހާ މީހުން ވެގެން މި ޕާޓީގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހެއޭ. ޕާޓީއަކީ އެކަތިގަނޑެއް ގޮތުގައި އޮންނަ ޕާޓީއަކަށް ހަދަން އެބަޖެހޭ. އެކަން ކުރެވޭނެ މީހަކީ އަޅުގަނޑު" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ބައިބައިކޮށް ޕާޓީން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭރު ކުރުމަށް މަސައްކަތް ކުރާ ބަޔަކު އެމްޑީޕީގައި ތިބިކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވަމުން އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާކުރުމަށް ބާއްވަން ނިންމި ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ނުބޭއްވޭ ގޮތް ހެދީ ބަޔަކު ގަސްތުގައި ރާވައިގެން ކަމަށެވެ.

އަދި ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ ހަފްތާއަކު އެއްފަހަރު އެ ބައްދަލުވުންތައް ބާއްވަން ނަމަވެސް ގައުމީ މަޖިލީހުގެ ކޯރަމް ހަމަ ނުވެގެން އެ ބައްދަލުވުންތައް އެއްގޮތަކަށްވެސް ނުބޭއްވޭ ގޮތް ވީއެވެ. އިންތި ވިދާޅުވީ އެއީ ގަސްތުގައި ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި ހަމަ އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންތަކެއް ބައިވެރިވެގެން ބޭރުކޮށްލިކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ދުވާފަރު ސިއްހީ މަރުކަޒުގައި ސިޔާސީ މަގާމެއް މި ސަރުކާރުން ދީފައި ހުރި އާމިރު ވަޒީފާއިން ވަކިކުރި ކުރުމާއި ދެކޮޅުކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން އާމިރު ވަޒީފާއިން ވަކިކުރި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި އިންތިގެ ޓީމުންވެސް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އާމިރު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިއަށް ތާއީދު ކުރުމުން ކަމަށް އެމައްސަލާގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕާޓީގެ އަސާސްތަކާއި އުސޫލުތައް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށާއި ސަރުކާރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މާ ބޮޑު ޝައުގެއް ސަރުކާރުގެ ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަދިވެސް މާބޮޑު ޝައުގުވެރިކަމެއް އޮތްހެނެއް ހީ ނުވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަކަށް. ނުވިތާކަށް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރިކަމެއްވެސް ނެތްހެން ހީވަނީ. އެކަމުގެ ޝައުގުވެރިކަމެއް އޮވެގެން ވާހަކަ ދައްކާ މީހަކުވެސް މަދު" އިންތި ވިދާޅުވިއެވެ.

ވައްކަން ހިޔާނާތް ވަރިހަމަވެގެން ރައްޔިތުން ގާތަށް ދެންގޮސް ދައްކާނެ ވާހަކައެއް ނޯންނާނެކަން ފާހަގަ ކުރައްވާ އޭނާ އިތުރަށް ވިދާޅުވީ އެތެރޭގެ އިންތިހާބެއް އައިމާ ރަށް ފަޅުކުރާނަމޭ ބުނެ އެފަދަ ވާހަކަތައް ދެއްކެވިގެން ނުވާނެ ކަމަށެވެ. އަދި ވަކި މީހަކަށް ވޯޓު ނުދީގެން ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމާއި ލޯނު ނުދޭނެ ކަމުގެ ބިރު ދެއްކުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"މިއީ އެމްޑީޕީގެ ސަރުކާރެއް. ހަމަހަމަ ވާންޖެހޭނެ. އެންމެނާ މެދު ހަމަހަމަ އުސޫލު ބަހައްޓަން ޖެހޭނީ. ތިލަފަތުގެ ހަމަހަމަކަން ދައްކަން ޖެހޭނީ. އިންސާފުވެރި ވާނެ ޖެހޭނެ. ހަމަހަމަ ވާންޖެހޭނެ." އޭނާ ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން އިންތި މިއަދު ވަނީ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އަދި މާދަމާވެސް ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން ރީނދޫ

    ކޮން ޚިޔާނާތެއް ބެލޭނީ، ވެންޓިލޭޓަރު ވަގުންނަށް

  2. ލަކްނައު

    އަދިވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ވާހަކަ. ހިތްފުރޭވަރަށް ވައްކަން ނުކުރެވެނީތަ. ކޮބާ އަޅަން ބުނި ބުރިޖް. އައްޑޫ މީހުން ޖީބަށް ވަންނަ ޕައުންޑް ނުފެނިގެން އެ މީހުން އެބަ އުޅޭ

  3. ބޮކަރު

    އަބަދުވެސްް ހިޔާނާތް އޮވޭ، ބަރުލަމާނީ އަކީ އަދި މާ ހިޔާނާތް ބޮޑު ނިޒާމެއް، އިންތިމެން މަޖުލީހުގަ ތިބެ ހިޔާނާތް ހުއްޓްވޭގޮތަށް ގާނޫނަށް ބަދަލު ނުގެނައިސް ބޭކާރު އަންގަ ނުތަޅާ ޑުރާމާ ބަލާ ބަލާ ފޫހި ވެއްޖެ!

  4. އެހެންނު

    ކެމްޕޭނަކަށް ނޫނީ ތި ވާހަކަ ދައްކަން އިންތިގެވެސް ޝައުގުވެރިކަމެއް ނެތް.