މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކަ އަށް ވުރެ މައްޗަށް އެރި އިރު، އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް އައުމުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ އަށަކާ ހަމައަށް 677,968 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ، 382,775 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރަތްކުރީ، 410,359 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 617،719 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. ރާއްޖެ އައި ފަތުރުވެރިންގެ 12.8 އިންސައްތަ މީހުން އައީ އިނގިރޭޭސި ވިލާތުންނެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން މިހާތަނަށް ރާއްޖެެއަށް ޒިޔާރަކޮށްފައި 12.4 އިންސައްތަ ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާ އިން އައިސްފައި ވަނީ 9.7 އިންސައްތަ ފަތުރުވެރިންނެވެ.

ރާއްޖޭގެ ޖުމްލަ 169 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 844 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 154 ސަފާރީ އެބައޮތެވެ.

މި މަހުގެ ފުރަތަމަ ދުވަހު 7،455 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއިރު، ބާކީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ދެ ދުވަހެއްގެ މަތިން 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ އަހަރު 1.32 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، އެންމެ ގިނަ އަދަދަކަށް ރާއްޖެ އައީ އިންޑިއާ ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު ރާއްޖެ އަށް 555،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    އިންޑިޔާ 1 ވަނައަށްއަރާނެއެވެ. އަދި އެއަށްފަހު މިތާގެ ވަޒަންވެރިންނަށްވެސްވާނެއެވެ. މިހާރުވެސް އަންނިއެވަނީބުނެފައެވެ. ބޭރުމީހުނަށް މިތަނުގެ ރައްވެހިކަންދިނުމަށެވެ. މިހާރުއެވަނީ އިންޑިޔާގެ ސިފައިންމިތާގައި ވަޒަންވެރިކުރުވާފައެވެ.

    12
  2. ޢަލީބެ

    އިންޑިއާ ފަތުރުވެރިން.. ފަކުރުވެރިން އެއީ

    11
    1
  3. ކޮރަލް

    އާދައިގެ ދިވެއްސަކަށް ޑޮލަރެއް ނުލިބެ އެވެ. ބޭންކް ގަ ހުއްޓަސް ނުނެގެ އެވެ. ގަވާއިދާ ހިލާފް ބިދޭސީން އަތުގަ އެވެ.

    13
  4. އައްޓަމަސް

    އާކަމެއްތަ ތީ އިންޑީޔަ 1ވަނައަށް އެރުމަކީ

  5. ހިންދޫ

    އިންޑިއާ މީހުންގެ ބެކްޔާޑް

  6. ދިރާސާ

    އިންޑިއާ 1 ވަނައަށްއެރުން މިހާރުވެސް ލަސްވެއްޖެކަމަށް ދެކެފާނެ ފަރާތްތަކެއްވެދާނެ
    އެއީ މިގައުމަކީ އިންޑިއާގެ ސްޓޭޓެއްކަމަށް ދެކޭފަރާތްތަކެއްވެދާނެ އަދި ބޭރު މީހުންނަށް މިތާގެ ރަށްވެހިކަންދީ ދިވެހިންދިވެހިގައުމުގައި ބާކީކުރުވާފަދަ ޢިބާރާތްތަށް ބައެއްބޭފުޅުން
    ވިދާޅުވާތީ