ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވޯޓު ލައްވައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 ޖެހުމުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސުކޫލުގައި ހުރި ގަލޮޅުގެ ވޯޓު ފޮއްޓަށެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވޯޓު ލައްވާފައިވަނީ ދަރުމަވަންތަ ސުކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ދެ ބޭފުޅުން ވެސް ވަނީ ވޯޓުލާން ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ޝަފާތު އަހުމަދު ވާދަކުރައްވާއިރު ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

މި އިންތިހާބުގެ ވޯޓުލުން ޖުމުލަ 194 ރަށެއްގައި ކުރިޔަށްދާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި އެންމެ ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަނަކު ހޮވުމަށް 94،211 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި އިންތިހާބުގެ ފޯރި ގަދަވެފައިވަނީ މިއީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ ދެމެދު ކުރިޔަށްދާ ވާދަވެރިކަމަކަށް ވުމުންނެވެ.

އެގޮތުން ރައީސް ސޯލިހްގެ މަދަދާއެކު ވާދަކުރައްވަނީ އިކޮނަމިކް މިނިސްޓަރު ފައްޔާޒެވެ. އޭނާއަށް ތާއިދު ކުރައްވާ ކެމްޕޭނުގައި ވެސް އުޅުއްވަނީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއީދާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢސދ

    މީދެން ކިހާ ދެރަވެއްޖެ ކަމެއް ، އާދައިގެ ސިޔާސީ ޕާރޓީއެއްގެ އެތެރޭގެ އިންތިހާބު ވެސް ރިޔާސީ އިންތިހާބަކާއި އެއްވަރު ކޮއްލައިގެން.. ތިކީ ހައްޕުޑު ހުސް. މާދަމާވެސް އާރާއި ބާރާއި ދިޔައިމަ އެދިޔައީ .. ގޮވާލާނެ މީހަކުވެސް ނުވާނެ.