އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިޔަށްދާއިރު މި އިންތިހާބުގައި ވޯޓުލާ މަރުކަޒަކުން ވޯޓުލާން ދިޔަ މީހަކަށް ދިން ކަރުދާސްކޮޅުގައި ފާހަގަ ޖަހާފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މި މައްސަލަ ފެންމަތިކޮށްފައިވަނީ އިންތިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ވައްޑޭ "ވަގުތު" އަށް ވިދާޅުވީ ލ. މާވަށު އާފާގުގެ އަލީ މޫސާ، ވޯޓްލާން އެރަށު ވޯޓްލާ މަރުކަޒުން ދޫކުރި ވޯޓް ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު 2 ގައި ފާހަގަ ޖަހާފައިވާ ކަރުދާހެއް ދޫކުރިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ފޯރިއާއެކު ކުރިޔަށްދާ އިންތިހާބާއި ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތަކެއް އިންތިގެ ޓީމުން ފެންމަތި ކުރަމުންދާއިރު ފ. ނިލަންދޫގައި ވޯޓު ލާފައި ވޯޓު ކަރުދާސްކޮޅު ދައްކަން މަޖުބޫރު ކުރުވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 ޖެހުމުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ޝަފާތު އަހުމަދު ވާދަކުރައްވާއިރު ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

މި އިންތިހާބުގެ ވޯޓުލުން ޖުމުލަ 194 ރަށެއްގައި ކުރިޔަށްދާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި އެންމެ ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަނަކު ހޮވުމަށް 94،211 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި އިންތިހާބުގެ ފޯރި ގަދަވެފައިވަނީ މިއީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ ދެމެދު ކުރިޔަށްދާ ވާދަވެރިކަމަކަށް ވުމުންނެވެ.

އެގޮތުން ރައީސް ސޯލިހްގެ މަދަދާއިއެކު ވާދަކުރައްވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒެވެ. އޭނާއަށް ތާއިދު ކުރައްވާ ކެމްޕޭނުގައި ވެސް އުޅުއްވަނީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއީދާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަޒީރާ

    ދޮގު ތުހުމަތެއްކަމަށްވެސް ވެދާނެ. ރާވައިގެން ފައްޔާޒުގެ ސަޕޯޓު ގެއްލޭތޯ

  2. ކޮވިޑް

    މަކަރާ ހީލަތް ، ވައްކަމާ މުނާފިގް ކަން އެމްޑީޕީގެ ފިލޯސަފީ. 2018 ގެ ރިޔާސީ އިންތިހާބު ގެ ތަގުރިމާގެ ބޭނުން ތި ކުރަނީ.

  3. ހައްޕު

    ވޯޓުލުމުގެ ނަމުގައި އެމްޑީޕީން ކުރާ ވައްކަން މިއޮއްގެން ފަޅާއަރަނީ.

  4. ހަސީނާ

    ތިޔަވާނީ އިންޑިޔާ ހައިކޮމިޝަނަރު ކަރުދާސްކޮޅަށް. އޭނަ އުޅުނު ވޯޓްލާން ޖެހޭ ފޮށި ނުފެނިގެންވެސް

  5. ނޫރު

    މިއީ ހުދު ސާފް ބަޔެއް، ނުކުރާނެ، ތިކަހަކަމެއް. 2018ގައިވެސް ހަމަ ޝަރީފް މޮޅީ. ވަގަށް ވޯޓް އޮޅުވާ ނުލާ. ސަހަރޯ. މިއޮތީވާ ނިޒާމެއް.

  6. މުހަންމަދު

    ތީ ވޯތު ވަގުން.....ފާހަގަ ވެސްލެވިފަ ހުންނާނީ....

  7. ފައްޏޫ

    އެ ފާހަގަ މައްޗަށް ނާރާތަ؟ 🤔