ގަދަވަޔާއެކު މުޅި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރާގައި ކ. އަތޮޅު ކާށިދޫ ފަތްކެޔޮ ދަނޑެއް ސުންނާފަތިވެއްޖެއެވެ.

އެ ދަނޑުގެ ވެރިޔާ ޒަރީރު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ ރެއިން ފެށިގެން އެރަށަށް ވަރަށް ވިއްސާރަ ކަމަށާއި، ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހެމުންދާތީ އޭނާގެ ދަނޑު ވަރަށް ބޮޑަށް ސުންނާފަތިވެފައިވާ ކަމަށެވެ.

ޒަރީރު ބުނީ އެ ދަނޑުގައި މައިގަނޑު ގޮތެއްގާ އިންދާފައި ހުންނާނީ ފަތް ކެޔޮކަމަށާއި، ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ކެޔޮގަސް ހުންނާނެ ކަމަށެވެ. އޭގެ ތެރެއިން ބޮޑު ބައެއް ވައިގަދަވުމުގެ ސަބަބުން ބިމާހަމަވެފައިވާކަމަށް އޭނާ މައުލޫމާތު ދިނެވެ.

ޒަަރީރުގެ ފަތްކެޔޮ ދަނޑު، މޫސުން ގޯސްވުމުގެ ސަބަބުން ހަލާކުވެފައި

"ރެއިން ފެށިގެން ވަރަށް ވިއްސާރަކޮށް ދިޔައީ. ދެން މިއަދު ތަންކޮޅެއް ވާރޭ ތުނިކޮށްލުމުން ދަނޑަށް ދިޔައީ ބަލަން. ދިޔައިރު ދަނޑު އޮތީ އެއްކޮށް ހަލާކުވެފަ" ޒަރީރު ބުންޏެވެ.

އޭނާަ މައުލޫމާތު ދިން ގޮތުގާ އެ ދަނޑުން ލިބޭ ކެޔޮ ވިއްކަމުން ދިޔައީ މާލެއަށް އެތަކެތި ފޮނުވާ މީހުންނަށެވެެ. ކެޔޮ ވިއްކައިގެން 15،000 ރުފިޔާ ހަރަދަށް ކެނޑުމަށް ފަހު ވެސް ރަނގަޅު އާމްދަނީއެއް ލިބޭކަމަށް އޭނާ ބުންޏެވެ. މިއަދު ލިބިފައިމިވަނީ އިޔާދަކުރަން އުނދަގޫވާނެ ގެއްލުމެއް ކަމަށް ޒަރީރު ފާހަގަކުރިއެވެ.

ޒަަރީރުގެ ފަތްކެޔޮ ދަނޑު، މޫސުން ގޯސްވުމުގެ ސަބަބުން ހަލާކުވެފައި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްރަށަށްވެސް އެކި ވަރުގެެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ. މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މިހާާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކާށިދޫގައި ފަތްކޭލުގެ ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ލިބުނު ގެއްލުންވެސް ފާހަގަކޮށްލި ނަމަ ރަނގަޅުވީސް، ޒަރީރު ދަނޑަށް އެކަނި އެއް ނޫން ގެއްލުންވީ މި ކުރާ ވިއްސާރާގައި.