އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިންގައި ގއ.ވިލިނގިލީގައި ހަރަކާތްތެރިވި 12 މީހެއްގެ ސައިކަލަށް ގެއްލުންދިނުމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު އަދި މި އިންތިހާބުގައި އިންތިގެ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވި މުހައްމަދު ވަހީދު (ވައްޑޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއެކު އެމްޑީޕީ ވަނީ ދެކަފިވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސަށް ތާއީދު ކުރައްވާ މެންބަރުންނާއި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. ޕާޓީގެ ތެރޭގެ ކޯޅުން ބޮޑުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ތުހުމަތުތައްކޮށް ފަލީހަތްކޮށް ވެސް ހެދިއެވެ.

އެކަމާއި ގުޅިގެން ވައްޑެ މިއަދު ވިދާޅުވީވިލިނގިލިން އިންތި އަށް ވޯޓުދޭން ތިބި ފަރާތްތައް، ވޯޓުލާ މަރުކަޒަށް ގެންދިޔުމަށް ބޭނުންކޮށްފާނެހެން ހީވާ ހުރިހާ ސައިކަލުތައް ފާހަގަކޮށް ގެއްލުން ދިނުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"ގެއްލުންދީ ހަލާކުކުރުމަކީ ވަރަށް ދަށްފެންވަރުގެ ކަމެއް. މިކަން ކުރި މީހުން ރަށު އެންމެނަށް އެނގޭ. ފުލުހުން ތަހުގީގުކޮށް، ފިޔަވަޅު އަޅާ!" އޭނާ ވިދާޅުވިއެވެ.

އިންތިގެ ކެމްޕެއިންގައި ވިލިނގިލީގައި ހަރަކާތްތެރިވި 12 މީހެއްގެ ސައިކަލަށް ގެއްލުންދީފައިވަނީ ވެސް އިންތިހާބާއި ގުޅިގެން ކަމަށް އެރަށުގެ ބައެއް މީހުން ތުހުމަތުކުރެއެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ވަގުތަށް" ވިދާޅުވީ އެ ސައިކަލުތަކަށް ގެއްލުންދިނީ މިދިޔަ ހުކުރު ދުވަހު ރޭ ކަމަށެވެ.

ވިޝާލް ވިދާޅުވީ ގެއްލުން ދިން ސައިކަލުތަކުގެ ތެރޭގައި ކައުންސިލްގެ ދެ މެމްބަރެއްގެ ސައިކަލް ވެސް ހިމެނޭ އެއީ ޒައިނުއްދީން މުހައްމަދާއި ޝީބާ އަހްމަދުގެ ސައިކަލް ކަމަށެވެ.

"ޖުމްލަ 12 ސައިކަލަކަށް ގެއްލުންދިނީ. ސައިކަލުތަކުގެ ޓަޔަރުގައި ކަޓަރު އަޅައި، ހަން ފަޅައި އަދި މަޑިތަކުގައި ވެސް ކަޓަރު އަޅާފައި ހުރީ." ވިޝާމް ވިދާޅުވިއެވެ.

އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ އިންތިއާ ވާދަކުރި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޓީމަށް ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ. އެ މީހުން އެކަން ކުރީ އޭރު ކުރިއަށްގެންދިޔަ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ހުރަސް އުޅުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދިޔައިރުގައި އިންތި އަދި ފައްޔާޒުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން އުފެދި ހަރުކޮށްފައި ހުރި ބައެއް ޕޯސްޓަރުތައް ވީދާ ހަލާކުކުރި ކަމަށެވެ.

ސައިކަލުތަކަށް ގެއްލުންދިން މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިޝާމް ވިދާޅުވިއެވެ.

ވަރަށް ވާދަވެރިކޮށް ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކޮށްފައިވާ ފައްޔާޒެވެ.

އެ އިންތިހާބުގައި ވިލިނގިލިން ކުރި ހޯއްދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އޭނާ އަށް އެ ރަށުން 398 ވޯޓު ލިބުނުއިރު، އިންތި އަށް ހޯއްދެވުނީ 298 ވޯޓެވެ.