މިހާރަށް ވުރެ ފަސޭހަގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަލަން އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ގުރޫޕުން ހުށަހަޅައިފިއެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ޕޮލިސީތައް ރައްޔިތުންނަށް ކިޔައިދީ، ޕާޓީ ޕްރޮމޯޓްކޮށް، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް މި ވޭތުވެދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި މި ޕާޓީގެ ފަރާތުން ހިންގާފައިވާ ކަމަށެވެ.

އަދި ޕާޓީން ޒިޔާރަތްކުރި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ޕާޓީގެ ލީޑަރޝިޕްއިން ބައްދަލުކޮށް، ކައުންސިލްތަކަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް، ފާސްކުރުމުގައި ހުރި ދަތިތަކާއި ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރަން ރާވާފައިވާ ކަންކަން ނުކުރެވި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާ ކަމަށެވެ.

"ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް، ފާސްކުރުމުގައި ހުރި ދަތިތަކާއި ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރަން ރާވާފައިވާ ކަންކަން ނުކުރެވި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާއެވެ. އެހެންކަމުން، މިހާރަށް ވުރެ ފަސޭހަގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ އުސޫލެއް ހަމަޖެހިގެން ދިއުމަކީ ވަރަށް ގިނަ ކައުންސިލްތަކުން އެދޭ ކަމަކަށް މިވަނީ ވެފައެވެ." އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މައްސަލައަށް ޙައްލެއް ހޯދުމަށްޓަކާ މި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން 16 މެއި 2022 ގައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމަށް ބިލެއް ރައްޔިތުންގެ މަޖްލީހަށް އެޕާޓީގެ ފަރާތުން މިހާރު ވަނީ ހުށަހަޅާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-107 ވަނަ މާއްދާގެ (ނ) މިހާރު އޮތްގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫޒް ޕްލޭން އިސްލާހްކުރަން އެންގުމަށްފަހު، ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ގައުމީ އިދާރާއަށް ވަނީ ލިބިދީފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަށްރަށުގެ ރައްޔިތުންގެ ރުހުމާއެކު ރަށު ކައުންސިލުން ފާސްކޮށް ގައުމީ އިދާރާއަށް ފޮނުވާ ލޭންޑް ޔޫސް ޕްލޭން ތަފާތު ސަބަބުތަކާއެކު ފާސްކޮށްނުދީ ދިގު މުއްދަތަކަށް ހިފެހެއްޓުމަކީ ލާމަރުކަޒުކުރުމުގެ އުސޫލާ ހިލާފުކަމެއް ކަމަށް އެޕާޓީން ގަބޫލުކުރާ ކަމަށާއި، ގާނޫނުގެ 2-107 ވަނަ މާއްދާގެ (ނ) އިސްލާހުކުރުމަށް އެޕާޓީން ހުށަހަޅާފައިވާ ބިލުގައި އެބައި ވާނީ ހިމަނާފައި ކަމަށެވެ.

އެގޮތުން، އެމްއެންޕީން ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވާނީ ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަންވާނެކަމަށާއި ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކިކަމެއް އިސްލާހްކުރަންޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަނަމަ އެކަމަކާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހްކޮށް، ގާނޫނުގައި ބަޔާންކުރާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސްކުރަންވާނެކަމަށެވެ.

މި އިސްލާހް މިގޮތަށް ފާސްވެއްޖެނަމަ، ރަށު ކައުންސިލްތަކުން ހުށަހަޅާ ލޭންޑް ޔޫސް ޕްލޭންތައް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ފާސްކުރުމަށް ގައުމީ އިދާރާއަށް ލާޒިމްވާނެއެވެ.