ނެދަލެންޑްސްގެ "ވެން އޫޑް" ކުންފުންޏާއި މިދިޔަ މާޗު މަހު ހަވާލުކޮށްގެން ކުރިޔަށްގެންދާ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ޝެޑިއުލުން ކައްސާލައިގެން ދާހައި ލަސްނޫން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އެ މަޝްރޫއުގައި ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫން ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުގެ ދަށުން ޖުމުލަ 194 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް މަޝްރޫއު ކުރިޔަށްދާލަތް ލަސްކަމުގެ ޝަކުވާ އެ ދާއިރާގެ ރައްޔިތުން ކުރާ ކަމަށް ވިދާޅުވެ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ އެކަމާއި ގުޅިގެން މިނިސްޓަރ އަސްލަމާއި ސުވާލު ކުރައްވާފައެވެ.

ޝަރީފްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރެވުމުގެ ކުރީގައި މަސައްކަތުގެ ސްޕީޑް ކުޑަކޮށް ލަސް ކަމަށާއި އެހެންނަމަވެސް މިހާރު މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލު ކުރެވުމުން މަސައްކަތް ކުރިޔަށްދާ ސްޕީޑް އެހާ ލަސް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަދި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޝެޑިއުލް އިން ކައްސާލައިގެން މަސައްކަތް ލަސްވެފައި އޮތް ކަމަކަށެއް. ކޮންޓްރެކްޓް ސޮއިކުރަން ދިއުމާއި ހަމައަށް ވަގުތުތަކެއް ނެގި ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން." އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައި ކުރަން ޖެހޭ މަސައްކަތަކެއް ހުންނަ ކަމަށާއި ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓް ފައިނަލް ކުރުމުގެ އިތުރުން ވެލި ނެގޭނެ ތަންތައް ބެލުމަށް ވެސް މަސައްކަތްތަކެއް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

"ވެލި ނެގެން ހުރި މިންވަރު ކޮންމެވެސް މިންވަރަކަށް އެނގި ތިބެގެން ބިޑް އެވޯޑުކޮށްފައި އެ އޮތީ. އެހެން ނަމަވެސް މޮބިލައިޒް ކުރުމުގެ ކުރިން ސީދާ ކިހާ މިންވަރެއްގެ ވެއްޔެއްތޯ، ކިތަށް ތަނުން ވެލި ނަގަން ޖެހޭނެތޯ ޔަގީން ކުރުމަށް ގްރައުންޑް ޓްރުތިން ހަދަން ކޮންޓްރެކްޓާ ދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ބިންހިއްކުމުގެ މަޝްރޫއާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ. އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ގިނަ ޖަމިއްޔާތަކަކުން ވެސް ވަނީ މަޝްރޫއު ހުއްޓާލުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ސަރުކާރުން ބުނީ މަޝްރޫއު ކުރިޔަށް ގެންދާނީ އެންމެ ގެއްލުން ކުޑަވާނެ ގޮތެއް ބަލައިގެން ކަމަށެވެ.