ސަރުކާރުން ތަންފީޒު ކުރަނީ ހަމައެކަނި އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ.ހުސައިން ރަޝީދު ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައްދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އަހުމަދު ޒާހިރު ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެތޯ މިނިސްޓަރ ހުސެއިން ރަޝީދާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހުސައިން ރަޝީދު ވިދާޅުވީ، ސަރުކާރުން ތަންފީޒު ކުރަނީ ސަރުކާރުގެ ސިޔާސަތު ކަމަށާއި ހުރިހާ ކަމެއް ކުރަމުން އަންނަނީ އެ ސިޔާސަތާ އެއްގޮތަށް ކަމަށެވެ. އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ތަންފީޒުކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު. އެހެންވީމައި ދިވެހި ސަރުކާރުގެ ނަމުގައި ކުރާ ކޮންމެ ކަމެއް ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެހެންވީމައި އެއީ ވަކި ޕާޓީއެއްގެ ސިޔާސަތެއް ކަމުގައި ނުދެކެން،" ހުސައިން ރަޝީދު ވިދާޅުވިއެވެ.

ހުސައިން ރަޝީދު ވިދާޅުވީ ތަންފީޒު ކުރަމުން ގެންދަނީ ރައީސް ސޯލިހުގެ ތަންފީޒު ކުރުމަށް އަންގަވާފައިވާ ސިޔާސަތުތައް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަމާއެކީ އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއް ކަން މި ތަންފީޒު ކުރަމުން ގެންދަނީ،" ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދު ފަޅީގެ މެންބަރުންގެ އެންމެ ބޮޑު އެއްޝަކުވާ އަކީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ތަންފީޒުނުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.