ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މަޑުވެ، މޫސުން އަލިވާން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެންމެ ފަހުން އެލާޓް ނެރިފައިވަނީ ރޭގެ ދަންވަރެވެ. އޭގެ ފަހުން އެލާޓެއް ނެރެން ޖެހޭ ހާލަތެއް ދިމާނުވާ ކަމަށް މެޓް އިން ބެނެފައި ވެއެވެ.

މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓާ "ވަގުތު"އަށް ވިދާޅުވީ، މިހާރު މޫސުން އަލިވާން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިހާރު ވައިވެސް މަޑުވަމުންދަނީ މެދު ރާއްޖެ ތެރެއާއި އުތުރަށް ގަޑިއަކު 20-10 މޭލުގެ ބާރުމިނުގައި ވައިޖެހެމުންދަނީ. އުތުރަށް ގަޑިއަކު 18-8 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހެމުންދަނީ. މޫސުން ގޯސްވެ ވާރޭވެހޭއިރު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ." މެޓް އިން ބުންޏެވެ.

ދެކުނުގެ ރަށްތަކަށް އަދި ވެސް ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެދު ރާއްޖެ ތެރެއަށް ކަނީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓްގެ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވާނެ ކަމަށާއި ވައިވެސް މަޑުވެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓްގެ އޮފިޝަލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު