އައްޑޫގައި ހިންގާ ފްލައިން ސްކޫލް، މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގައި ކިޔަވަމުންދާ ދަރިވަރުންގެ ފްލައިން ސެޝަންތަކަށް ބޭނުންވާ ބޯޓުތައް ގަމަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވިއަން އިން ހިންގާ އައިއޭއެސް އިން ބުނެފިއެވެ.

ބޯޓުތައް ނުލިބުމުގެ ސަބަބުން އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފްލައިން ސެޝަންތައް ނުފެށިފައިވާތީ ގިނަ ދަރިވަރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ބޯޓުތައް ގެނައުން ލަސްވެފައިވަނީ ރަޝިއާ އާއި ޔޫކްރެއިންއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުންނެވެ.

އެކަމާއި ގުޅިގެން "ވަގުތު" އިން ސުވާލު ކުރުމުން އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، ލަންކާގައި ތިބި ބޯޓުތައް މިވަގުތު އައްޑޫއަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެބޯޓުތައް އެސެމްބަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

"މިހާރު ފްލައިޓްތައް އެސެމްބަލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. އަޅުގަނޑަށް ހީވަނީ މިހަފްތާ ތެރޭ ހުރިހާ ބޯޓެއްގެ އެބެމްބްލިން ނިމޭނެހެން." ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ، ބޯޓުތައް އެސެމްބަލް ކުރުމަށްފަހު، ސިވިލް އޭވިއޭޝަނުން އެބޯޓުތައް އުދުއްސުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ފްލައިން ސެޝަންތައް ފެށޭނެ ތާރީހެއް ސީދާ ބުނަން ދަތި ކަމަށެވެ.

ފްލައިން ސެޝަންތައް ފަށަން ތައްޔާރުވެފައި ތިބި ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މީގެ ކުރިން މިދިޔަ 28 ވަނަ ދުވަހު ދަރިވަރުންގެ ފްލައިން ސެޝަންތައް ފެށޭނެ ކަމަށް ޖެނިފާ ވިދާޅުވުމުންނެވެ. އެމުއްދަތު ފަހަނަ އަޅައި ގޮސްފައިވާއިރު، މިހާރު ފްލައިޓްތައް ގެނެސްފައިވާ ވާހަކަ ބުނި ނަމަވެސް ފްލައިން ސެޝަންތައް އަވަހަށް ފެށޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދަރިވަރުން ވަނީ ބުނެފައެވެ.