އަގުބޮޑުކޮށް ޓެކްސީ ދަތުރުތައް ކޮށްގެން 15 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ އެގޮތަށް ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލިޔުމުން ހުށަހެޅުއްވި ސުވާލަކަށް ނަހުލާ ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މާލެއާއި ހުޅުމާލޭގައި ޓެކްސީ ހޯދަން އާންމުންނަށް ދަތިވާތީ ފަސޭހަކަމާއެކު އާންމުންނަށް ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްދިނުމަށް ރިޔާޒްގެ ސުވާލުގައި އެދިވަޑައިގެންފައި ވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ނަހުލާ ވިދާޅުވީ ޓެކްސީ ހިދުމަތް ހޯދަން ދަތިވާ މައްސަލައާ ގުޅިގެން ޝަކުވާ ހުށަހެޅުމަށްޓަކައި ހޮޓްލައިނެއް ގާއިމްކޮށް ފޯންކޯލާއި އީމެއިލްގެ ޒަރިއްޔާއިން ލިބޭ ޝަކުވާތަކާއި ގުޅިގެން އެކަންކަން ވީހާ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ޓެކްސީ ދަތުރުތައް އަގުބޮޑުކޮށް ކުރާތީ އެފަދަ ޝަކުވާތައް މިނިސްޓްރީއަށް ހުށަހަޅާނެ ނިޒާމެއް ގާއިމްކޮށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށެވެ.

"ހުށަހެޅިފައިވާ 57 މައްސަލަ ދިރާސާކޮށް 15 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ފޮނުފައިފަ އެވެ. މީގެ އިތުރުން މައްސަަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުން ގަވައިދާ ހިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނަގައި ލިބިފައިވާ ޝަކުވާތަކުގެ މައްޗަށް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް ވަނީ އަންގައިފަ އެވެ. އަދި އޮންލައިން އެޕް މެދުވެރިކޮށް އަގުބޮޑުކޮށް ދަތުރުކޮށްފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާތީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް މި މިނިސްޓްރީގެ ފަރާތުން ބަލަމުންދާކަމުގައި ދަންނަވަމެވެ." ނަހުލާގެ ޖަވާބުގައި ވިދާޅުވެފައި ވެއެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ގޮވާލައި ޑްރައިވަރުން މީގެ ދެމަހެއްހާ ދުވަސް ކުރިން އިހްތިޖާޖު ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިމް

    އަގުބޮޑުކޮށް ޓެކްސީ ދަތުރު ކުރަނީ މައްސަލަ ނުޖައްސާނެހެން ހީވާ ކަހަލަ މީހުންނަށް. ބަލިމީހުން، ބިދޭސީން، ގެސްޓުން އެރީމާ އަގުބޮޑުކޮށް ދަތުރުކޮށްދެނީ. އަނެއްކާ ބައެއް ޑްރައިވަރުން ސެންޓަރުން ދަތުރު ނުނަގާ މަގުމަތިން ދަތުރު ކުރަނީ ވެސް އަގުބޮޑުކޮށް ދަތުރުކުރަން. އެމީހުން އެބަ ބުނޭ ނުކުރެވޭނޭ އެއްވެސް ކަމެއް މައްސަލަ ޖެއްސިޔަސް.

  2. މަޖިލިސ

    މަޖިލީހުގަ ކުރާނެ ކަމެއް ނެތީމަ މި މަންޖެ ގެނެސް ބޮއްވަނީ ތޯޗެއް

  3. އަހްމަދު

    އަގުބޮޑުކޮށް ފީނެގުމަކީ ވަރަށް އާއްމު ކަމެއް! ކޮންމެ މީހަކަށް ގުޅާފައި މައްސަލަ ޖައްސާނެ ވަގުތެއް ނުލިބޭ! ޓެކްސީ ޑްރައިވަރުންނާއި އެހެންމީހުންނަށް އެނގެންވީ ދުނިޔޭގެ އަގަން އަންނަބަދަލާ ގުޅިގެން އެއްވެސް މީހެއްގެ މުސާރަ ބޮޑު ނުވާކަން! ހަމައެމިހުން ޓެކްސީ ދަތުރު ހަމައްޖަސަނީ އެމީހުންނަށް ލިބޭ މުސާރައިން!

  4. ސސ

    ކާރު ރެޖިސްޓުރީ ކުރާ ގަރާޖުސިޓީ އުވާލާބަލަ އޭރުން އަގުބޮޑު ނުވާނެ !