ރަޝިއާ ބިލިއަނަރުންގެ ޔޮޓްތަކެއް ރާއްޖޭގައި ބަނދަރު ކުރިފަހުން ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ސިސްޓަމްތައް ނިއްވާލާފައިވާ ކަމަށާއި، ޔޮޓްތައް ރާއްޖޭގައި އަދިވެސް ބަނދަރު ކޮށްފައި އޮތީކަމެއް ނުވަތަ ރާއްޖެ ދޫކޮށް އެހެން ސަރަހައްދަކަށް ދިޔައީކަން ނޭނގޭ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާގެ ފަސް ބިލިއަނަރެއްގެ ފަސް ޔޮޓެއް އެންމެ ފަހުން ބަނދަރު ކުރިކަމަށް ދައްކަނީ ރާއްޖެއަށެވެ. އޭގެ ފަހުން އެއިން ޔޮޓަކަށް ވީގޮތެއް ނޭނގެއެވެ. އެޔޮޓްތަކުން ވަނީ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ނިއްވާލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގައި ބަނދަރު ކުރިފަހުން ވީނުވީއެއް ނޭންގޭ ޔޮޓްތަކުގެ ތެރެއިން އެއްޔޮޓަކީ 140 މީޓަރުގެ ޔޮޓެއް ކަމަށްވާ "އޯޝަން ވިކްޓްރީ" އެވެ. އެއީ ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ ވިކްޓޯ ރަޝިނިކޯވްގެ ޔޮޓެކެވެ. މިޔޮޓް މިއަހަރުގެ މާޗް 01 ވަނަ ދުވަހު ރާއްޖެ އައިސް ރާއްޖޭގައި ބަނދަރު ކުރިކަމަށް ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓްތަކުން ބުނެއެވެ. ނަމަވެސް އޭގެ ފަހުން ޔޮޓްގެ އެއްވެސް ހަރަކާތެއް ރެކޯޑް ކުރެވިފައެއް ނުވެއެވެ.

މީގެ އިތުރުން ރަޝިއާގެ ބިލިއަނަރު މެލްނިޗެންކޯވްގެ 240 މިލިއަން ޑޮލަރުގެ "މޮޓޯ ޔޮޓް" ވެސް އެންމެ ފަހުން ބަނދަރު ކުރިކަމަށް ދައްކަނީ ރާއްޖޭގައެވެ. އެޔޮޓް ރާއްޖޭގައި ބަނދަރު ކުރިކަމަށް ދައްކަނީ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެޔޮޓްގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ސިނގިރޭޓް ވިއްކުމުގައި މަޝްހޫރު ވިޔަފާރިވެރިޔާ އިގޯރް ކެސައޭވްގެ ޔޮޓް "މައި ސްކައި" ވެސް އެންމެ ފަހުން ބަނދަރު ކުރީ ރާއްޖޭގައެވެ. އެޔޮޓް ރާއްޖޭގައި ބަނދަރު ކޮށްފައި ވަނީ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެޔޮޓްގެ އެއްވެސް ޚަބަރެއް ވެސް ނުވެއެވެ.

ރަޝިއާ ބިލިއަނަރުންގެ ޔޮޓްތައް ހިފަހައްޓަން އެމެރިކާ އިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ރާއްޖެ އަކީ އެމެރިކާ އާއި އަދި އެހެން ގައުމަކާއިއެކު ވެސް ބިދޭސީންގެ މުދާ ހިފަހައްޓަން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ގައުމަކަށް ނުވާތީ އެހެން ގައުމަކުން ނެރޭ އަމުރެއްގެ ދަށުން ރާއްޖޭގައި ހުރި މުދަލެއް ނުހިފެއްޓޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ބިލިއަނަރުންގެ ޔޮޓްތައް ރާއްޖޭގައި ބަނދަރު ކުރާ އެއްސަބަބަކީ ވެސް ރާއްޖޭގައި ބަނދަރު ކޮށްފައި ވަނިކޮށް އެޔޮޓްތައް ހިފެހެއްޓޭނެ ގާނޫނީ ސަބަބެއް ނެތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގައި ބޭނުންކުރާ އަގުބޮޑު ޔޮޓްތަކުގެ އަދަދު 9300 އަށް އަރާނެ ކަމަށް ވެއެވެ. އޭގެތެރެއިން %10 ޔޮޓަކީ ރަޝިއާ މީހުންގެ ޔޮޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަނދުކޭތަ

    ތިޔަ އެއްޗެހި މިތާގަ ބަނދަރުކޮއްގެން ދައުލަތައްތޯ އެއްޗެއްލިބުނީ ނޫނީވެރިންގެ ޖީބައްތޯ ވަތްއެއްޗެއްވަނީ ބަލާލަދީބަލަ ކޮންމެވެސްމީހަކު ހެސްކިޔާފަ ވަގުންގިނަ ސަރުކާރެއްވީމަ އަހާލީ

  2. ސރސ

    ރަޝިޔާ ޔޮޓުތަކަކާއި ރާއްޖެއަކަށް ނުކުޅެވޭނެ. އެއީ ނުރައްކާތެރިކަމެއް. އޭގެ ބަދަލުގައި ރަޝިޔާގެ ޔޮޓުތަކަށް ޚާއްސަ މެރީނާއެއް ހަދައި ރާއްޖެއަށް އެޔޮޓުތަކުން މަންފާވާނެގޮތް ރޭވިއްޔާ މާރަނގަޅުވާނެ.

  3. ރާއްޖެ

    އެމެރިކާ އަދި ޔޫރަޕްގެ ޕައިރެޓުން ޔޮޓް ތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފޭރެން ފުރުޞަތު ދެވިގެން ނުވާނެ!

  4. ފާއިގު

    ދިވެހި ރާއްޖޭގަ ވަރަށް ގޮތް ނޭންގޭ ގޮތަށް މީހުން އަދި އެއްޗެހި ގެއްލޭނެ. ގެއްލެނީއެއް ނޫން، ގެއްލުވާލަނީ. މިނަށްވުރެ ކޮރަޕްޓު ސަރުކާރު.

    އެހެން ގައުމަކުން ހަމަ ބޭނުންވީމަ އެކަންތަކަށްވެސް މަގުފަހިކޮށްދޭ ސިޔާސަތު މިއޮތީ. ނޭންގެ ތި ޔޮޓު ތަކަށް މެލޭށިޔާ މަތިންދާބޯޓަށް ވީހެން ނުވިކަމެއްވެސް.

    ބާކީ ވެދާނެތިއްޔޯ ގުދަށް މިއޮންނަނީ. ހަގީގަތަކީ ހަމަ ކޮރަޕްސަން.

    2
    1
  5. ސަންފައްތަ

    އެފަދަ އުޅަނދުތައް ރާއްޖެ އައުމާއެކު ބަދަލުވާނީ ބޮޑުކަންނެލި އޮޑިއަށް. ޔޮޓް ޖަހައިގެން ސާރޗް ކުރިޔަސް ނުފެންނާނެ.