މިއަހަރުގެ މިހާތަނަށް އިންޑިއާ އާއި ރަޝިއާއިން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް 835،974 ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އިންޑިއާ އަދި ރަޝިއާއެވެ.

އަދި މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީވެސް އިންޑިއާއިންނެވެ.

އެގޮތުން އެ ގައުމުން މިހާތަނަށް 100،900 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ލިސްޓްގެ ދެވަނައިގައި އޮތް ރަޝިޔާއިން 100،200 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 74,897 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ %14 ކުރިއަރައިފައެވެ.

މިވަގުތު ރާއްޖޭގެ 170 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 13 ހޮޓަލް އަކާއި، 901 ގެސްޓް ހައުސްއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ. އަދި 160 ސަފާރީ ވެސަލްވެސް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ހުރިހާ ޑޮލަރެއް ބަންގާޅުން އަތުގަ އެވެ. މަގޭ ޑޮލަރު ކޮބާ ހެއްޔެވެ؟

  2. ޜައްޔިތުމީހާ

    ޓޫރިސްޓްވިސާގަ ރާއްޖެއެތެރެވެއުޅޭ ވަރައްގިނަ އިންޑިއާމީހުން ފިހާރަ ރެސްޓޯރަންޓްތަކައް އެބަދޭ ވަޒީފާހޯދަން

  3. ބުރަކި

    ޓޫރިސްޓު ވިސާގަ ވަޒީފާއަށް އަންނަ މީހުންނަކީވެސް ޓޫރިސްޓުންދީ