ރާއްޖޭގެ ދަރަނި މި ސަރުކާރުން އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑަޒަނުން ސިޔާސީ މަގާމުތަކަށް ހަރަދުކުރަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި ނަމަވެސް އެއީ ހިޔާލީ ފޮލައެއްކަން މިހާރު އެނގިފައިވާ ކަމަށެވެ.

އެގޮތުން ކުރިން 400 ސިޔާސީ މަގާމު އޮތް ނަމަވެސް މިހާރު އެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މިއަދު 1300 އަށް ވުރެ ގިނަ ސިޔާސީ މަގާމުން އެނގެނީ 37 ބިލިއަނުގެ ދަރަނި އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް ކަން. ނަތީޖާ ގައުމު އިފްލާސްވާއިރު ވެސް ސަރުކާރު ޣާފިލުވެސް ހަދާނެ ގޮތް ނޭނގިފައި" ޑރ. ޖަމީލުގެ ޓުވީޓުގައި ވެއެވެ.

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު، ޖޭޕީ މޯގަންއިން ދާދި ފަހުން ވަނީ ބުނެފަ އެވެ. އެކަމަކު ސަރުކާރުން ބުނަމުން ދަނީ ރާއްޖެ ބަނގުރޫޓް ނުވާނެ ކަމަށާއި އަދި ދަރަނި ދެއްކުމުގެ ގާބިލުކަން ވެސް އެބަހުރި ކަމަށެވެ.

ރާއްޖޭގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާ އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހަންމަދު

    އަމީރޫ،ދަރަނި ދައްކައިދެނީ އިންޑިޔާއިންތޯ؟؟

  2. ބޯ

    ކަލޭމެން ހުރިހާ ވެރިން ކުރާކަމެއް ތީ!
    ނުކާ އެކަކުވެސް ނެތް.

  3. Anonymous

    އުތީމް މުހައްމަދު ތަކުރުފާން ބޮޑު ތަކުރުފާން ( رحمه الله) ޕޯޗްގީޒުންގެ އައްދަށުން ޤައުމު މިނިވަންކޮށް، ރައީސް އިބްރާހިމް ނާސިރު ( رحمه الله ) އިނގިރޭސިންގެ އައްދަށުން ޤައުމު ނިނިވަންކުރީ، އަޅުގަޑުމެން ރިބާ ލޯނު ނަގައިގެން މިޤައުމު ދަރަނިވެރިކޮށް އިޤުތުސާދީ އަޅުވެތިކަމަކަށް ވައްޓާލަންތޯ ؟ ރިބާ ލޯނުނެގުން ހުއްޓާލަން އެންމެން ގޮވާލަން ޖެހޭ !