އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މާފަރު ކުނިކޮށީގައި ނައްތާލާފައި ވަނީ 667 ފުޅި ބަނގުރައާއި 309 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މިދިޔަ ފެބްރުއަރީ މަހުގެ 22 އިން މި ޖޫން މަހުގެ 2 އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.