މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށް "މިޑްލް މެނެޖާސް ރިފްރެޝާ" ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ.

މިއީ އެ ޕްރޮގްރާމް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ. ޕްރޮގްރާމް ފެށީ މާފުށީ ޖަލުގައެވެ.

ކަރެކްޝަނުން ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ މި މަހު ހަތަރު ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ޕްރޮގްރާމްގައި އެކި ޖަލުތަކުން ސްޓާފް ސާޖަންޓް ރޭންކް އިން ފެށިގެން ސީނިއާ ޕްރިޒަން އޮފިސަރު ރޭންކްގެ 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައި ކަމަށް ކަރެކްޝަނުން ބުނެއެވެ.

މާފުށީ ޖަލުގެ ހެޑް އޮފް ފީމޭލް ޕްރިޒަން ކޮމާންޑް ޗީފް ޕްރިޒަން އޮފިސަރު އައިޝަތު ރިއުޒާ އެ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ޖަލުތަކުގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީ އެ ކަމަށް ގާބިލް އަދި ވަޒީފާގެ ވާޖިބްތަކަށާއި މަސްޢޫލިއްޔަތުތައް އަދާކުރާ އޮފިސަރުންތަކެއް ކަމަށެވެ.

"ޖަލުގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ އޮފިސަރުންގެ ކުރިއެރުމަށް ވިސްނައި، އަބަދުވެސް ތަޢުލީމާއި ތަމްރީނަކީ މުހިއްމު އެއްޗެއް ކަމުގައި ދެކެން. އަދި މިފަދަ ތަމްރީންތަކަކީ އަބަދުވެސް މި މުވައްސަސާގެ އޮފިސަރުންގެ ކުރިއެރުމަށް އައިކޯސްޓުން ކުރައްވާ އަގުހުރި މަސައްކަތްތަކެއްކަން ހުރިހާ އޮފިސަރުންވެސް ގަބޫލްކުރައްވަންޖެހޭ." ރިއުޒާ ވިދާޅުވިއެވެ.

ކަރެކްޝަނުން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖައާކޮށް، ކަރެކްޝަންގެ ގަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ގައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއެޅުން ކަމަށެވެ.

އަދި ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތައުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުން ކަމަށް ބުނެފައިވެއެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަންނީ މުވައްޒަފުން ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ ލީޑާޝިޕް އެންޑް ކޮމިއުނިކޭޝަން ސްކިލްސް، އެތިކްސް އެންޑް ގޯލް ސެޓިން، ސްވިމިން އާއި ފުޓް ޑްރިލް، އިންވެސްޓިގޭޝަން އެންޑް ޕްރޮބްލަމް ސޯލްވިން އަދި މެނޭޖީރިއަލް ޕްރޮފައިލް ފަދަ މޮޑިއުލްތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމާއި ޔޫއެން ކޮންވެންޝަން އަގޭންސްޓް ޓޯޗާ އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގޭންސްޓް ޓޯޗާ މުވާހަދާތަކާ ބެހޭ މައުލޫމާތު ވެސް އެ ޕްރޮގްރާމްގައި ދޭނެ ކަމަށެވެ.