ރާއްޖޭގައި ދަނޑުވެރިކަމުގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ދެ ރަށް ކަމުގައިވާ ކ. ކާށިދޫ އާއި އއ. ތޮއްޑޫއަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން، ޒިޔާތަރް ކުރައްވައިފިއެވެ.

ކާށިދޫއަށް މިނިސްޓަރު ވަޑައިގެންނެވީ އެ ރަށުގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލު ކުރުމަށް ފަށާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކާށިދޫ ކައުންސިލުން މިނިސްޓަރަށް ދެއްވި ދައުވަތަކަށެވެ.

މިނިސްޓްރީން ބުނީ، ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅަކީ ތޮއްޑޫގެ ދަނޑުވެރިކަމަށް ބޭނުންވާ ފެނުގެ ވަސީލަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކޮށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް އެކުލަވާލައި، ތޮއްޑޫގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުށް ތޮއްޑޫގެ ކައުންސިލާއި ދަނޑުވެރިންނާއި މަޝްވަރާކޮށް ހިޔާލުބަދަލު ކުރުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ހިންގާ އެކްސެލެރޭޓިން ސަސްޓެއިނެބްލް ސިސްޓަމް ޑިވެލޮޕްމެންޓް ޔޫސިން ރިނިވެބްލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓް ކޮންސަލްޓެންޓް ޑރ. އަޙުމަދު ޝުކުރީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ މިނިސްޓަރު ހުސައިން ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ކާށީދޫގައި ކުރަމުން ގެންދާ ދަނޑުވެރިކަމުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށާއި ކާށިދޫގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަކަށް ބަދަލު ކުރުމަށް ކައުންސިލުން ގެންގުޅުއްވާ ހިޔާލުތަކާއި އެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަންވެސް ކައުންސިލްގެ ފަރާތުން ހިއްސާ ކުރެއްވި ކަމަށެވެ.

"ދަނޑުވެރިންނަށް ލިބިފައިވާ ގެއްލުންތައް މަދުކުރުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމުގެ އިތުރުން މާރުކޭޓު ތަކުގައި ރަނގަޅު އަގު ލިބޭނެ ފަދަ ދަނޑު ބާވަތްތައް ހެއްދުމުގެ މުހިންމު. މިނިސްޓްރީގެ ފަރާތުން ދަނޑުވެރިންނަށް ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެން." މިނިސްޓަރު ހުސައިން ކާށިދޫގެ ދަނޑުވެރިންނަށް ވިދާޅުވި އެވެ.

ތޮއްޑޫއަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އަދި ބައެއް ދަނޑުވެރިންނާއި ވަނީ ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

ދަނޑުވެރިންނާ އެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ ފެން ފަށަލަ ތަގައްޔަރު ވުމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް އެކަމަށް ހޯދޭނެ ހައްލެއްގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އެހީގައި ކުރިއަށް ގެންދާ އެޝުއާ ޕްރޮޖެކްޓުން ތޮއްޑޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫޢާ ގުޅޭ މައުލޫމާތު މިނިސްޓަރު އަދި ޑރ. އަހުމަދު ޝުކުރީ ވަނީ ދަނޑުވެރިންނަށާއި ރަށު ކައުންސިލާއި ހިއްސާކުރައްވާފައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ތޮއްޑޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފައްދާ، ވާރޭފެން ނަގާ ރައްކާކޮށް، ޒަމާނީ އިރިގޭޝަން ސިސްޓަމެއް ގާއިމުކޮށް، ރަށުގެ ފެން ފަށަލައަށް ގެއްލުން ކުޑަ ގޮތަކަށް ދަނޑުތަކަށް ފެންދެވޭނެ ވަސީލަތެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.