އއ. ތޮއްޑޫން ގޯތި ދިނުމުގެ ކަންކަން މަޑު ޖައްސާލަން އަނެއްކާވެސް އަންގައިފި އެވެ.

ތޮއްޑޫއިން ގޯއްޗަށް ހުޅުވާލުމުން 524 މީހަކު ފޯމް ހުށަހެޅިއެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 504 މީހެކެވެ. މިހާރު ގޯއްޗަށް ޝަތުރު ހަމަވާ މީހުންގެ ދާއިމީ ލިސްޓު އޮތީ ނެރެފަ އެވެ.

ތޮއްޑޫއިން ނިންމާފައި ވަނީ 100 ގޯތި ދޫކުރާށެވެ. އެހެންވެ ޝަރުތު ހަމަވާ 504 މީހުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރިންނަށް ގޯތި ދޭނެއެވެ.

އެ ގުރުއަތު ނެގުން ބާއްވަން ނިންމާފައި ކުރިން އޮތީ ރޭގެ ވަގުތެއްގަ އެވެ.

އެހެން ނަމަވެސް ލިސްޓާއި މެދު ހިތްހަމަ ނުޖެހިގެން ތޮއްޑޫގެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ގޯތި ދިނުން މަޑުޖައްސާލަން މިހާރު ވަނީ އަމުރު ކޮށްފައެވެ.

މީގެ ކުރިން ގޯތި ލިބޭ ވަގުތީ ލިސްޓު އާންމުކުރުމުން އޭގައި ހަތަރު މީހެއްގެ ނަން ނެތިގެން މައްސަލަ ޖެއްސުމުން ގޯތި ދޫކުރުމުގެ ކަންކަން މަޑުޖައްސާލަން ތޮއްޑޫގެ ކޯޓުން އެންގިއެވެ.

އެހެންވެ ފަހުން ތޮއްޑޫ ކައުންސިލްއިން ވަނީ ވަގުތީ ލިސްޓު އަލުން ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު ނެރެފައެވެ.

ދަނޑުވެރިކަމާއި ފަތުރުވެރިކަމުގައި ވެސް މަޝްހޫރު ތޮއްޑޫގައި އެންމެ ފަހުން ގޯތި ދޫކުރީ 2016 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2020 ވަނަ އަހަރު ގޯތި ދޫކުރަން އުޅުނު ނަމަވެސް މައްސަލަތަކެއް ދިމާވެ އެކަން ޖެހުނީ ހުއްޓާލާށެވެ.