އއ. ތޮއްޑޫގެ ފުޓްބޯޅަ ދަނޑުގައި ޓާފްއެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށް ކުޅިވަރާއި ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތޮއްޑޫ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަސައްކަތް ލަސްވާތީ ކަމަށް ބުނެ ކަރާ އިންދަން އުޅުނު ފަރާތްތަކަށް، ފުޓުބޯޅަ ކުޅޭތަން ބަލަމުން އިރާދަކުރެއްވިއްޔާ މިހާރު ކަރާ ކެވޭނެ ކަމަށެވެ.

ތޮއްޑޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލުމާއިއެކު އެކަމަށް ޝުކުރު އަދާކޮށް އެ ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ކަރަމް ވިދާޅުވީ، އެ ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަށް ރައީސް ސޯލިހާއި މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ރަށުގައި އައުޑް ޑޯ ވޮލީބޯލް ކޯޓުގެ މަސައްކަތް ވެސް ފެށުމަށް މިހާރު ރެޑީވެފައިވާ ކަމަށެވެ.

ތޮއްޑޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެއީ 4،551961.74 ރުފިޔާ ގެ މަޝްރޫއުއެކެވެ.

ތޮއްޑޫގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން ފެށީ 2020 ވަނަ އަހަރުގަ އެވެ. އެ ރަށުގެ ޒުވާނުން ނިކުމެ ފުޓް ބޯޅަ ދަނޑު އެޅުމަށް ބިން ސާފުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

އެ ރަށުގެ އަމިއްލަ ވިޔަފާރިވެރިއްގެ އެހީތެރިކަމާއި ޒުވާނުންގެ ހިތްވަރާއި ބުރަ މަސައްކަތުން އެ ރަށުގައި ފުޓްބޯޅަ ދަނޑުއެޅި އެވެ.