މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މެމްބަރުކަމުން ވަކި ކުރުމުގެ މައްސަލަ މިރޭ ކުރިއަށްގެންދަން ނިންމައިފިއެވެ.

މީޑިއާ ކައުންސިލް ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ކައުންސިލްގެ މެންބަރުންތަކެއް މިރޭ ވަނީ ކުއްލި ޖަލްސާއެއް ބާއްވަން އެދި ހުށަހަޅާފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ ޖަލްސާ މިރޭ 9:30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިރޭ މައްސަލަ ހުށަހެޅީ 11 މެންބަރުންގެ ސޮޔާއި އެކުއެވެ.

މީޑިއާ ކައުންސިލްގެ ރައީސް މަގާމުން ވަކި ކުރެވޭނީ ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ތާއިދު ލިބިގެންނެވެ. ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިއްބެވީ 14 މެންބަރުންނެވެ.

މީޑިއާ ކައުންސިލް ރައީސް މެމްބަރު ކަމުން ވަކި ކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭވެސް ކުއްލި ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާގައި ނެގުނު ސިއްރު ވޯޓުގައި ވަކި ކުރަން ފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އިރު ވަކި ކުރަން ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވިއެވެ.