ތަހުގީގު ފުރިހަމަ ކުރުމަށް ފަހުގައި ދިވެހި ފުލުހުންގެ އިދާރާއިން ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ލިބޭ މުއްދަތު އިތުރުކުރުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ޝިފާއު ޖީނާއި އިޖުރާއަތުގެ ގާނޫނަށް ހުށަޙެޅުއްވި އިސްލާހުގައި ވަނީ ޖީނާއީ ދައުވާއެއް އުފުލާ ނަމަ ޕީޖީއަށް މައްސަލަ ހުށަހެޅޭތާ 10 ދުވަހުގެ ތެރޭގައި ދައުވާ ކުރުމަށް އޮންނަ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ޝިފާއު ވިދާޅުވީ ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު ހިންގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުން ކަމަށެވެ. އަދި ޖީނާއި އަދުލުގެ ނިޒާމުގެ އިޖުރާއަތުތައް ހިންގުން ކަމުގައެވެ.

މިގޮތުން އިސްލާހުގައި ވާގޮތުން ޖިނާއީ ބޮޑު ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބަންދުގެ މުއްދަތު އިތުރު ކުރަން ޕީޖީގައި އެދުމުން އެ މުއްދަތު 60 ދުވަހަށް އިތުރުކުރެވޭނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮންނަ ގޮތުން އެފަދަ މައްސަލަތަކުގައި ދައުވާނުކޮށް ބަންދުގައި ބެހެއްޓޭނީ އެންމެ ގިނަ ވެގެން 45 ދުވަހުގެ މުއްދަތަކަށެވެ. އެކަމުގެ ސަބަބުން ތަހުގީގު ފުރިހަމަކޮށް ވަރުގަދަ ދައުވާއެއް ކުރުމުގައި ދަތިތަކާއި ކުރިމަތިވެއެވެ.

އިސްލާހުގައި ވާގޮތުން އިތުރުކޮށްދޭ 15 ދުވަހާއެކު ޖުމުލަ 60 ދުވަހުގެ ތެރޭގައި ޕީޖީއަށް ދައުވާ ނުކުރެވިއްޖެ ކަމުގައި ވާނަމަ މީހާ ބަންދުން ދޫކޮށްލަން ޖެހޭނެއެވެ. އެކަމަކު ބަންދުން ދޫކޮށްލާއިރު ފުރުން މަނާކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ނަމަ އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ މީހަކު ކުށަކަށް އިއުތިރާފް ވެއްޖެނަމަ އިއުތިރާފުގެ އެއްބަސްވުމަކަށް އާދެވޭނެ ހާލަތާއި އަމަލުކުރާނެ އިޖުރާއަތު ތަފްސީލު ވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިކްޓޮކް

    ބޭނުމަކީ މި ސަރުކާރުން ބޭނުންވާ މީހުން އަންދަގޮނޑި ޖަހައި ޝަރީޢަތްތައް ދިގު ދެއްމުން. އެހެން ސަރުކާރެއް އައުމުން އެ މުއްދަތު 5 ދުވަހަށް އޮތުން މާ ރަނގަޅުކަމަށް އެމްޑީޕީ ގޮވަން ފަށާނެ!

  2. Anonymous

    ޢިލްމުވެރިން ނިވާ ފައްގަޑަކަށް ހަދައިންގެން ބޭރުގެ ފަރާތަކުން ގެއްނަ އިސްލާމް ދީނާއި ބީރައްޓެހި ޤާނޫނުތައް ދިވެހިބަހަށް ތަރުޖަމާ ކޮށްގެން ޢިސާމީ ދިވެހި އުއްމަތުގެ މައްޗަށް ތަންފީޒު ކުރަން އުޅޭއިރު މިކަމާއި ބަހެއް ބުނެލާނެ ޤާނޫނީ ޝަރުޢީ ޢިލްމުވެރިޔަކު ވެސް ނެތީތޯ ؟