ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލިސް ދޫކޮށް "ފިލީ" އިދާރީ މޭޒުން ގޮވަ ގޮވާ އޮއްވައި ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލިސް ދޫކޮށްފައި ދިއުމާ ގުޅިގެން ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން ހަމަޔަށް މަޖިލީހަށް ހާޒިރުވެފައި އޮތް ތަން ފެނި، އިދާރީ މޭޒުން ގޮވަގޮވާ އޮއްވައި ރިޔާސަތުން މަޖިލިސް ދޫކޮށް ފިލާފައިވާ ކަމަށެވެ.

އެމްޑީޕީން އެދިގެން މިއަދު ބޭއްވުނު ދައުރުން ބޭރުގެ ޖަލްސާގައި އެންމެ ފުރަތަމަ ކުރެއްވުމަށް އެންމެ އިސްކަމެއް ދެއްވުމަށް އެ މެންބަރުން އެދިލައްވާފައިވަނީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ. އެހެންކަމުން، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އަށް ބަހުސް ކުރުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވީ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ. މަޖިލިސް ފައްޓަވަމުން އަފީފް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެޕާޓީގެ އެހެން މެންބަރެއް ޕާޓީން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ނިސްބަތަށް ބަދަލު އައިސްފައިވާތީ މެންބަރުން ހިމެނޭނެ ގޮތާއި ގުޅިގެން ކުރިން އެކުލަވައިލެވުނު ރިޕޯޓް އަށް މިވަގުތު އަމަލު ކުރެވެން ނެތް ކަމަށެވެ.

އަފީފް ވިދާޅުވީ އަލުން އެ ރިޕޯޓް އެކުލަވާލަން ޖެހޭތީ މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

"މިހާރު އަނެއްކާވެސް ތަމްސީލުކުރާ ގޮތަށް ބަދަލެއް އައިސްފައި މިވަނީ. އެއީ އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު އާއި، އަދި އައްޑު އަތޮޅު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ވަކިވެވަޑައިގެންފައި ވާތީވެ، މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ ދަށްވެފައި. އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު ވަނީ އިތުރުވެފަ. އެހެންވީމާ، މި ބަދަލާއި އެކުގައި މި ރިޕޯޓް ޖެހޭނީ އަލުން މެންބަރުންނަށް ސަކިއުލޭޓް ކުރަން. އެހެންވީމާ މިއަދުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދެވެން ނެތް، ސާކިއުލޭޓް ކޮށްފައި، އެއަށް އަނެއްކާ މެންބަރުން އިސްލާހު ހުށަހެޅުމާ ގުޅިގެން ނޫނީ." ހަސަން އަފީފު ވިދާޅުވިއެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54 ކެވެ. އަދި ޕީޕީއެމްގެ ފަސް މެންބަރުން ތިބި އިރު ޕީއެންސީގެ ތިބީ ތިން މެންބަރުންނެވެ. އަދި އެމްއެންޕީގެ ތިން މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްޑީއޭގެ ވެސް ތިބީ ދެ މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީ އަށް މިވަގުތު ތިބީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނެވެ. އެގޮތުން، އޭގެ ތެރޭގައި 18 މެންބަރުން ހިމެނެއެވެ.

މިއަދުގެ ޖަލްސާ ނިންމާލަން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަން މަސައްކަތް ކުރިއެވެ. ނަމަވެސް ނިޒާމީ ނުކުތާ ނަގަން އެއްވެސް މެންބަރަކަށް އަފީފް ފުރުސަތެއް ނުދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުދީ

    ދުވަސްކޮޅެއް މިހެންވެސް ދާނެ، މަޑު މަޑުން އިތުރަށް ބޭޒާރުވަމުން ބަލިކަށި ވަމުންގޮސް ނިމިގެން ހިގައިދާނެ. އެމްޑީޕީ ކުރިއަށްދާނެ .

    1
    5