"ރައްޔިތުންގެ މަޖިލީހަކީ މިހާރު ޖޯކަރުންގެ މަޖިލީހަށްވެ ނިމިއްޖެ"

މިއީ ރައްޔިތުންގެ މަޖިލިސް އާންމުކޮށް ބަލާ މީހެއްގެ ޝުއޫރު ހުރި ގޮތެވެ. އޭނާގެ ވާހަކަ ގޯހެއް ނޫނެވެ. ކޮންމެ ދުވަހަކު މަޖިލީހުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އެއީ ހަމަ ރައްޔިތުންގެ މަޖިލިސްބާއޭ ގިނަ ބަޔަކު ހިތަށް އަރައެވެ. ރައްޔިތުންގެ ހައްގުގައި ބޮޑެތި ބިލުތަކާ ގަރާރުތަކާ މައްސަލަތަކަށް ބަހުސްކުރި ނަމަވެސް ގިނަ މީހުންގެ ލޮލުގައި އަޅައިގަންނަނީ އެ އިދާރާގައި ހިނގާ ޖޯކު ކަންތައްތަކާއި އެ ތަނުގައި ދައްކާ ޖޯކު ވާހަކަތަކެވެ.

މިދިޔަ ހަފްތާގައި ވެސް މަޖިލީހުން ފެނިގެން ދިޔައީ ހަމަ އެފަދަ މަންޒަރުތަކެވެ. މަޖިލިސް ޖޯކުތަކާއެކު މީމްސްތައް ވެސް މީސް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ.

އޭގެ ތެރެއިން އެއް ޖޯކަކީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވި ވާހަކަތަކެވެ. މީސް މީޑިއާގައި ބޮޑަށް ވައިރަލްވީ ވެސް ރާޝިދުގެ ޖޯކު ވާހަކަތަކެވެ.

މި ސަރުކާރަށް ތައުރީފް ކުރައްވަމުން ގޮސް އަތޮޅު ތެރޭގެ އަންހެން ކަނބަލުންގެ ގައިން ނުބައި ވަސް ދުވާ ކަމަށް ރާޝިދަށް ވިދާޅުވެވުނީއެވެ. ނަމަވެސް ރަށްރަށަށް އައި ތަރައްގީއާއެކު ރަށްފުށުގައި ވެސް ފެނުގެ ނިޒާމް ގާއިމްވެ އޭގެ އަސަރު ރަށްރަށުގެ ލޯބި ޗާލުކުދިންގެ މޫނުމަތިން އެކަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،" ރާޝިދު ވިދާޅުވިއެވެ.

އޭގެ އިތުރުން އަންހެނުން ވިހާކަންވެސް އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވި ވިދާޅުވުން ވެސް ގިނަ ބަޔަކު ބަލައިގަތީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.

ސަނީފް އާއި ރާޝިދުގެ ވާހަކަތަކަށް އެމްޑީޕީ އާއި ސަރުކާރުގެ ބަހެއް ނެތް

ރާޝިދު ބޭ އަދަބީ އަދި ޖޯކު ވާހަކަތަކެއް ދެއްކެވި ވަގުތު އެއީ ބޭ އަދަބީ ބަސްތަކެއް ކަން ހަނދާންކޮށް ދެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިލިޔާސްއާ އެއްބަސްވެވަޑައިގެން އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ވިދާޅުވެ ރާޝިދުއަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެކަމަކު ނަޝީދާއި އިލްޔާސް ލަބީބްއާ ދެ ބޭފުޅުންނަކީ ވެސް ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުންނެއް ނޫނެވެ. އެ ދެ ބޭފުޅުންނަކީ ވެސް ފާޅުގައި ސަރުކާރާ ދެކޮޅު އެމްޑީޕީގެ ދެ މެމްބަރުންނެވެ. ނަމަވެސް ސަރުކާރު ފަޅީގައި ތިއްބެވި މެމްބަރުންގެ ފަރާތުން ފެނުނީ ހަމަ ހިމޭން ކަމެވެ. އެކަން ކުށްވެރިކޮށް ޓުވީޓެއްހާ ހިސާބު ވެސް ކޮށްނުލެއްވިއެވެ. އެކަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ފާހަގަ ކުރެއްވިއެވެ.

"ރާޝިދުމެން ކަހަލަ މެމްބަރަކު އެ ކަހަލަ ވާހަކަ ދެއްކީމަ އަޅުގަނޑަކަށް ނުފެނުނު މިސާލަކަށް މަޖިލީހުގައި ތިއްބެވި ހާއްސަކޮށް އަންހެން ބޭފުޅުން ފަރާތުން އެކަން ކުށްވެރިކުރި ތަނެއް ވެސް." އަލީ ހުސެއިން ވިދާޅުވިއެވެ.

ރާޝިދުގެ ވާހަކަތަކާއެކު އެންމެ ބޮޑަށް ހަނދާންވީ ނިމިގެން ދިޔަ 18 ވަނަ މަޖީލިހުގައި ޕީޕީއެމް ވިލިފުށީ ތަމްސީލުކުރެއްވި ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކެވެ. މުޒާހަރާ ކުރަން "ރާއްޖެތެރޭ މީހުންނަށް" ދެން މާލެ ނާދެވޭނެ ކަމަށް ރިޔާޒު ވިދާޅުވުމުން ގިނަ ބަޔަކު ބަލައިގަތީ ޖޯކު އަދި އަތޮޅު ތެރޭގެ މީހުންނަށް ކުރި ފުރައްސާރައެއްގެ ގޮތުގައެވެ. ރާޝިދެކޭ އެއް ގޮތަށް އޭރު ރިޔާޒްގެ ވާހަކަތައް ވެސް މީމްސްތަކަށް ވެސް މީސް މީޑިއާގައި ވައިރަލްވިއެވެ.

އެކަމަކު އޭރު ރިޔާޒް ރަޝީދުގެ ބަސް މަގު ރަނގަޅު ނޫން ކަމަށް ހުދު ޕީޕީއެމްއިން ވެސް އެއްބަސްވިއެވެ. އަދި އެ ބަސް މަގު ރަނގަޅު ކުރަން އޭރު ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު ނިހާން ހުސެއިން މަނިކު އެންގެވިއެވެ. ބޭނުމަކީ ރިޔާޒްގެ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ލިބުނު ބަދުނާމުގެ "ޑެމޭޖް ކޮންޓްރޯލް" ކުރުމެވެ. ޕީޕީއެމްގެ ސަރުކާރަށް އެވަރުވެސް ވިސްނުނެވެ.

ކޮންމެ މަޖިލީހެއްގައި ވެސް ސަރުކާރު ދިފާއު ކުރައްވަން މަސައްކަތް ކުރާ މެމްބަރުން ތިއްބަވާނެއެވެ. އެއީ ރާއްޖެއަށް ޑިމޮކްރަސީ އައުމުގެ ކުރިން ވެސް އަދި ފަހުން ވެސް ކަންހިނގާފައި ހުރި ގޮތެވެ. މަޖިލިސް ތެރޭގައި ސަރުކާރު ހޫނު ފެނަށް ވެއްޓޭ ކޮންމެ ފަހަރަކު ސަރުކާރު ދިފާއު ކުރައްވަން ތިއްބަވާނީ ހަމަ އެ މެމްބަރުންނެވެ.

މި ހިނގާ މަޖިލީހަށް ބަލާލާއިރު ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ފަދަ ބޭފުޅުންނެވެ. ނަމަވެސް އެ ބޭފުޅުން ވެސް ފެންނަނީ ސީރިއަސް ބޭފުޅުންގެ ގޮތުގައެވެ. އޮއްޓަރު ހުރި ވާހަކަތައް ހިމަނައިގެން ރައްދު ދެއްވަން މަސައްކަތް ކުރާ ތަނެވެ.

އެކަމަކު ރާޝިދު އާއި ސަނީފް ފަދަ ބޭފުޅުން ސަރުކާރު ފަޅިއަށް ކުޅުއްވާ އިރު ސިފަވަނީ "ބައިކޮޅަށް ޖަހަން" އުޅޭ މެމްބަރުން ހެނެވެ.

މާފަންނު މެދު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "ވަގުތަށް" ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކާ އިރު ގެންގުޅެން ޖެހޭ އުސޫލުތައް މީގެ ކުރިން ކިޔައިދީފައި އޮންނަ ކަމަށެވެ. އެހެން ނަމަވެސް މިހާރު ސަރުކާރު ދިފާއު ކުރައްވަން އުޅުއްވާ ބައެއް މެމްބަރުންތަކަކީ "ޓްރެއިިނިިން" ލިބިފައި ނެތް މެމްބަރުން ތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެ މައްސަލަ އެކަންޏެއް ނޫން. އެ މީހުންގެ ބުއްދިވެސް ހުންނަން ޖެހޭ. މަޖިލީހަށް މި އަންނަނީ ކޮންމެހެން ބިލުތަކަށް ވާހަކަ ދައްކަން ތައްޔާރުވެގެނެއް ވެސް ނޫން. މި އަންނަނީ ސަރުކާރުން ބުނީމަ ބުނާ އެއްޗެއް ބުނަން. އަދި ހަޅޭއްލަވަން" ބޮންޑެ ވިދާޅުވިއެވެ.

ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސިޔާސީ ގޮތުން މަޖިލީހުގައި ބަހުސް ކުރާ އިރު ތަންކޮޅެއް ވަރުގަދައަށް ރައްދު ދޭން ޕާޓީން އަންގާ ކަމަށާއި ނަމަވެސް އެފަދަ ވަގުތުތަކުގައި ބަސް މަގު ވަކި ގޮތަކަށް ބަހައްޓައި ވަކި ހަމަ ތަކަކާ އުސޫލުތަކެއް ހިފަހައްޓަން މަސައްކަތް ކުރައްވާ ކަމަށެވެ.

"ވާހަކަ އަޅުގަނޑުމެން ބައްޓަން ކުރަން މި ޖެހެނީ ރިސާޗު ބޭސްކޮށް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އެހެން ނަމަވެސް އެއާ ގުޅިގެން އާދޭ ސިޔާސީ ކަންތައްތައްތަކެއް ވެސް. މި ކަހަލަ ނިޒާމެއްގައި މަޖިލިސް މި އޮންނަނީ ސިޔާސީކޮށް ފެންނަންވެސް، އެހެންވީމާ ސިޔާސީ ވާހަކަވެސް އެބަ އާދޭ. ނަމަވެސް ސިޔާސީ ވާހަކަތަކެއް ވެސް ދެއްކޭނެ ހުދޫދެއް އޮންނަންވާނެ" ހުސެއިން ވިދާޅުވިއެވެ.

ކެންދޫ ދާއިގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރާޝިދުމެން ފަދަ ބޭފުޅުންގެ ސަބަބުން ކިލަނބުވަނީ ސަރުކާރުގެ މޫނުމަތި ކަމަށެވެ. ރާޝިދުމެން ފަދަ މެމްބަރުންގެ ވާހަކަތަކަކީ ގައިމު ވެސް ގިނަ ބަޔަކަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ.

"އަނެއްކާ މުޅި ދައުލަތުގެ ހުރި ހުރިހާ ފައިސާއެއް ބަންޑުން ޖަހާލައިގެން ބަޖެޓުގެ ނެތް ފައިސާއިން 400 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގަން ވައުދުވެ ސަރުކާރުން ގެނައި މެމްބަރު ރާޝިދު އަކީ" އަލީ ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙައްގުބަސް

    މިކަލަހަ ނުކިޔަވާ ތިބޭ ތަންދޮރު ނުދަންނަ މަރުމޯލުން ރާއްޖޭގެ ގަނޫނުހަދާ މަޖްލީހަށް ރައްޔިތުން ވެއްދީމާ ވާނެގޮތް މިފެންނަނީ!! ޢިލްމެއް ހިލްމެއްވެސް ނެތް އަދި ދުނިޔޭގެ ކަންހިނގާމަގު ނޭގޭ ބަޔަކަށް ކިހިނެތް ޢިލްމީ ބަހުސް ކުރެވޭނީ!! ރައްޔިތުންގެ ޒިންމާ ރައްޔިތުންވެސް ވިސްނައިގެން އަދާކުރަން ފަށާ ހިސާބުން މިކަހަލަ މަރުމޯލުންނަކަށް ފުރުސަތެއް ނުލިބޭނެ!!

    35
    1
  2. ޑައެލޯގް

    ރާޝިދަކީ ގިފިލިބަލާ އަންހެންކުދިން ނިދާފައޮއްވާ ވަސްބަލާމީހެއްކަން އަޑުފެތުރިފައިވާ މީހެކެވެ. އެހެންވެ އެކަންޔަގީންވިދުވަހަކީ އޭނާ ކަނބަލުންގެ ގައިންވަސްދުވާވާހަކަ ބުނިދުވަހެވެ. ދެން ސަނީފަކީ ވަރަށް ގާމާރުމީހެއްކަން ކިޔާއަޑުއިވެއެވެ. އެކަންޔަގީންވީ ސަނީފް "އަންހެނުން ވިހާކަންވެސް އެގުނީ ސޯލިހުގެ ސަރުކާރަށެވެ" މިހެންބުނުމުންނެވެ. އެއިންއެބުނާއެއްޗަކީ ސަނީފްގެ އައްޕައަކަށް ސަނީފްވިހެއިކަމެއްނޭގެއެވެ. އަދި ސަނީފުގެ އަންހެނުން ވިހާކަންވެސް އެގުނީ ސޯލިހާހެދިއެވެ. ސަނީފް އަމިއްލައަށް ސަނީފާއި އޭނާގެ އާއިލާގެ ގަމާރުކަން އިއުލާނުކުރީއެވެ.

    17
    • ލަލީ

      ހޫ ބޯގޯސް ގިފިލިބަލާ

  3. އއ

    ރާއްޖޭގެ އެއްވެސް ރަށެއްގެ ފެން މާލޭގެ ފެން ތަޢައްޔަރުވި ވަރަކައް ތަޢައްޔަރު ވެފަ އަދިނެތްކަން މީނަޔަކައް ނޭގެ. އާއްމު މައުލޫމާތު ވެސް މާމަދީ!!!

    16
  4. އަހައްމަދޫ

    ޖޯކު ނުކިޔަވާ ތާކުން ތާކުން ނުޖެހޭ މީހުނަށް ދެއްކޭނީ ޖޯކު ވާހަކަ. މިކަހަލަ މީހުން ހޮވާތީ ދެރަޔީ. ރައްޔަތުން ވެސް ވިސްނަން ވެއްޖެކަމެއް. ހަމަތާކު މީހަކު ހުއްޓަސް ނޫނެކޭ ބުނަންވީ

    18
  5. ނިސް

    ރީދޫ މީހުއްނަކައްނޭގޭނެ ތިނުންބަޔަކު ހޮވާކައް