ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން ރޭ އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެމްބަރުންނާ އެކު، މާމިގިލި ކައިރީގައި އޮންނަ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ރޭގަނޑުގެ ކެއުމަކުން ގާސިމްއާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްއާ އެކު ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހް ގާސިމްއާ ބައްދަލު ކުރައްވާފައި މިވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މި ނިމުނު ހަފްތާގައި ރައީސް އިއުލާން ކުރައްވާފައި ވަނިކޮށް ގާސިމް ވެސް އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުން ކަމަށް ބެލެވެއެވެ.

ގާސިމް ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީން ކަމަށެވެ. ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް ތާއީދު ކުރެއްވުމާ މެދު އަދި އެއްޗެއް ވިދާޅުވާން މާ އަވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގައި ފަހުގެ ނިންމުން ނިންމާނީ ކައުންސިލުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ރައީސް ސޯލިހު ގާސިމަށް ރަނިންމޭޓުކަން ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ދެއްކެވި ވާހަކަ ޖުމްހޫރީ ޕާޓީން ވަނީ ދޮގުކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ކޯލިޝަނާ އެކު 2023ގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    ކޮންމެއެއްޗެއް ދޮގުކުރިއަސް އެގޭކަމަކީ ގާސިމްވަނީ އިބޫއާގުޅި ގައުމުގެ މާލިއްޔާތުން ނަހަމަގޮތުގައި ފައިސާއާއި ރަށްތަކެއްނަގާފައެވެ. ގައުމެއްގެ ރައީސަކު އަމިއްލަމީހެއްގެ ރިސޯޓަށް ރަސްމީނޫންކަމަކުދާކަށެއްނުޖެހޭނެއެވެ. ކަމެއްއޮތްނަމް ގާސިމްޖެހޭނީ ރައީސްއޮފިހަށްދާށެވެ. މިއިން އެގޭކަމަކީ އިބޫ ގާސިމްމެންގެ ދަށުވެފައިވާ މިންވަރެވެ.

    11
  2. ސަންފަ

    ޢަންނިވެސް ހަމަ ކުއްލިއަކަށް ސަން އައިލެންޑަށް ދިޔަ ގާސިމާ ބައްދަލުކުރަން
    ދެން އިބޫ ދިޔައިމާ ކޮބާ މައްސަލައަކީ. މިއިން ކޮންމެ މީހަކަށްވެސް ހީވާ ކަހަލަ ގާސިމާ ނުލާ ވެރިކަމެއް ނުލިބޭނެޔޭ.

  3. ސސ

    ސިޔާސީ މީހުނޭ ކިޔާއިގެން މިއުޅޭ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !