ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުން ވާ ނަމަ ސިފައިންގެ ޗީފްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރެއްވުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަޝްވަރާ ކުރައްވަން މާމިގިއްޔަށް ވަޑައިގެންނެވިއިރު އެމަނިކުފާނު އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރައްވަމުންނެވެ.

ސިފައިންގެ ގާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓް ބުނާ ގޮތުން ސިފައިން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ރައީސް ސޯލިހްގެ ކެމްޕޭން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާތީ މީސް މީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސްގެ ކެމްޕޭން ދަތުރުގައި ޝަމާލް (ބޮޅުއަޅާފައި) ބައިވެރިވަނީ
ރައީސްގެ ކެމްޕޭން ދަތުރުގައި ޝަމާލް (ބޮޅުއަޅާފައި) ބައިވެރިވަނީ

އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅެން ބޭނުންވާ ނަމަ ޝަމާލް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި ނުވަތަ ސިފައިންގެ ވަޒީފާއިން އޭނާ ވަކިކުރަން ޖެހޭ ކަމަށެވެ. އަދި ސިފައިންގެ އާއި މުޅި ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތަކީ އެއީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުން ކަމުގައި ވާނަމަ އަވަހަށް އިސްތިއުފާ ދެއްވާ. ނޫނީ ވަޒީފާއިން ވަކި ކުރައްވާ. އެމްއެންޑީއެފަށް ވެސް މުޅި ގައުމަށް ވެސް އެންމެ ފައިދާ ވާނީ އެގޮތް. ސިޔާސީ މީހަކު ޗީފަކަށް ކަމަކު ނުދާނެ. އަމުރު މައުރޫފް ހިންގުމުގައި އަމިއްލަ އަދި ޕާޓީގެ މަސްލަހަތު އިސްކުރާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިފައިންގެ ޗީފަކީ ސިޔާސީ މީހެއް ކަމުގައި ވާނަމަ މުޅި މުއައްސަސާ ސިޔާސީ ވެގެންދާނެ ކަމަށާއި ރިޔާސީ އިންތިހާބާ ގުޅޭ ސިޔާސީ މަޝްވަރާއެއްގައި ޝަމާލް ބައިވެރިވެވަޑައިގަތުމަކީ ގައުމީ މަސްލަހަތު ހުރި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން "ވަގުތު" އިން ސިފައިންގޭގެ ތަރުޖަމާނާއި ސުވާލު ކުރުމުން ވިދާޅުވީ ސިފައިންގެ މީހުން ކޮންމެ ދުވަހަކު ވެސް އެތައް ތަނަކަށް ދަތުރުކުރާ ކަމަށާއި އެދަތުރުތައް ކުރަނީ ކޮން ހައިސިއްޔަތަކުން، ކީއްކުރަންކަން މީޑިއާއަށް ހާމަކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ޝަމާލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ދެވަނަ ފަހަރަށް ބޭއްވުމަށް ނިންމުމުން ސިފައިންގެ ތެރޭގައި ސިޔާސީ ވާހަކަދައްކަވާ، ސިފައިންގެ ސޮއި ހޯދައިގެން ސިޔާސީ ޕެޓިޝަނެއް ތައްޔާރު ކުރި މައްސަލައިގައި އެ އަހަރުގެ ނޮވެމްބަރ 30 ވަނަ ދުވަހު ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހެކެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމެއް ހައިކޯޓުން ބަދަލުކޮށް ޝަމާލަށް އަލުން ސިފައިންގެ ވަޒީފާ ދިނެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނާ އައްޔަން ކުރެއްވިއެވެ. އޭރު ޗީފްގެ މަގާމަށް އައްޔަން ކުރުމާއި ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަތްދޮޅި

    ބޭޅާ މަޑުން ހުންނަވާ.

  2. ާޢަރީފު

    މި ފަހުގެ ތާރީޚުގައި މި ޤައުމުގެ ދިފާޢީވުޒާރާ ބެލެހެއްޓެވި އެންމެ ޤާބިލު ވަޒީރަކީ މިހާރުގެ އެމްޕީ އާދަމް ޝަރީފު ކަމާމެދަކު އެއްވެސް ޝައްކެެއްނެތް. ޢެމަނިކުފާނުގެ ޒަޢާމަތުގައި ސިފައިންގެ ތެރޭގައި ސިޔާސީ ކުޅިވަރު ކުޅުމަށް ފުރުޞަތު ނުދީ އޮތް އޮތުމަކީ ހަރުދަނާ އަދި ޤާބިލު ހިންގުންތެރިއެއްގެ ނަމޫނާ. އެމްޕީ އާދަމް ޝަރީފަކީ އޮންނަ ހަމައާ އުޞޫލަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޢަމަލު ކުރެއްވި ކުޅަދާނަ އިޚްލާޞްތެރިއެއް. ވެރިންގެ ކިބައިގައި އިޚްލާޞްތެރިކަން ނެތުމުން ވާނެގޮތް މިއަދު މިފެންނަނީ.

    7
    1
    • ސސޖޓ

      ފައްކާ ޕަޕެޓެއް އެއީ އޭރު

  3. ބޮކި

    އެހެންވީމަ ދޯ ބުނީ ދަތް ދޮޅި ދުއްވާލާވާހަކަ !