ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދަލުކޮށް އެ މަގާމަށް ކުރީގެ ފޮރިން ސެކެޓްރީ އަބްދުލް ޣަފޫރު މުހައްމަދު އައްޔަނުކުރަން ހުށަހަޅައިފި އެވެ.

މިހާރު އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ތިލްމީޒާ ހުސެއިން އެވެ.

އެހެން ނަމަވެސް އެ މަގާމަށް ޣަފޫރު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ރަހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ހުށަހަޅުއްވައިފަ އެވެ.

ޣަފޫރަކީ ކުރިންވެސް އެމެރިކާގެ ސަފީރުގެ މަގާމު ފުރުއްވައިފަ އެވެ.

އޭގެ އިތުރުން ދެ ބޭފުޅަކު ނޮން ރެސިޑެންޜް ސަފީރުކަމަށް އައްޔަނުކުރަން ވެސް މިއަދު ރައީސް ސޯލިހު ހުށަހެޅުއްވި އެވެ.

އެގޮތުން ކޮރެއާގެ ނޮން ރެސިޑެންޓް ސަފީރުކަމަށް ހަސަން ސޯބިރު އަދި ނެދެލެންޑްސްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އުމަރު އަބްދުއް ރައްޒާގު ހަމަޖެއްސެވުމަށް ހުށަހެޅުއްވި އެވެ.

އެ ހުރިހާ ބޭފުޅުންނަށް ރުހުން ހޯދުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.