ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. ހޮޅުދޫއަށް މިއަދު މެންދުރު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ރައީސް ސޯލިހު ހޮޅުދޫއަށް ވަޑައިގެންނެވީ އެ ރަށުގައި ހުންނަ މޭނާ ސްކޫލަށް 75 އަހަރު ފުރޭތީ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މޭނާ ސްކޫލަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. ބެލެވޭ ގޮތުގައި ރަންޔޫބީލްގެ ޖަލްސާ މޭނާ ސްކޫލުގައި އޮންނާނީ މިރެ އެވެ.

ހޮޅުދޫއަށް ވަޑަައިގެންނެވުމަށް ފަހު ރައީސް ސޯލިހު ވަނީ އެ ރަށުގެ ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވައިފައެވެ.

ށ. ފުނަދޫ ސްކޫލަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނު އިއްޔެ ވަނީ ފުނަދޫއަށް ވެސް ވަޑައިގެންފައެވެ. އަދި ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ މިއަދު ވަނީ ބައްދަލުވެސް ކުރައްވައިފައެވެ.