ނ. ހޮޅުދޫގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މަގު ހަދަނިކޮށް ފާރެއް ވެއްޓުނު ހާދިސާއާ ގުޅިގެން އަނިޔާވި ތިން ދިވެހިންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު އެ ހާދިސާ ހިނގީ ވަރަށް ދުވަސްވީ ގެއެއްގެ ފާރެއްގެ ކައިރިން ކޮނެ ހޮޅި ވަޅުލަމުން ދަނިކޮށެވެ. އެ ފާރަކީ ހަ ފޫޓަށް ވުރެ ވެސް އުސް ފާރެކެވެ.

އެ ފާރު ވެއްޓުމާއެކު އެ ތަނުގައި މަސައްކަތް ކުރަން އުޅުނު އާރުޑީސީގެ ތިން މުވައްޒަފަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ޒުވާން ފިރިހެނެއްގެ ބޯ ވަނީ ފަޅައިގެން ގޮސް އަދި އިތުރު މީހެއްގެ ކޮނޑަށް އަދި އަނެއް މީހާގެ އުނަގަނޑަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އެހެންވެ އިތުރު ފަރުވާއަށް ފަހުން އެ މީހުން ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު ވިދާޅުވީ އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލުން ރޭ ދަންވަރު ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އުނަގަނޑަށް އަނިޔާވި މީހާ މިހާރު ސާޖަރީއެއް ހަދަން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯ ފަޅައިގެން ދިޔަ ޒުވާން ކުއްޖާ ސީޓީ ސްކޭން ވެސް ހެދި. ނަމަވެސް ނުރައްކަލެއް ނެތް ކަމަށް ޓެސްޓުތަކުން ވަނީ ދައްކާފައި" ރިލްވާން ވިދާޅުވިއެވެ.

ހޮޅުދޫގެ މަގުތައް ހަދަމުން ދަނިކޮށް ފާރެއް ވެއްޓި ބަޔަކަށް އަނިޔާވެފައިވާއިރު، އެރަށުގެ އިތުރުން އެހެން ރަށްތަކުގެ މަގުތައް ހަދަނިކޮށް ވެސް މީހެ ކުރިން ވަނީ ބައެއް ގެތަކުގެ ފާރުވެއްޓިފައެވެ. އެކަންކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަގު ހަދަމުން އަންނަ ކުންފުންޏަށާއި މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮކި

    2023 ރައީސް ޔާމީން...އިންޝާﷲ.އާމީން..#އާރު.ޑީ.ސީ އައުޓް..

    8
    1
  2. Anonymous

    ގއ. މާމެންދޫ ކައުންސިލު އިމާރާތާއި އިންވެގެން ހުންނަ ގެއެއްގެ ފާރުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ! އެ ވެއްޓި މީހަކަށް އަނިޔާއެއް ނުވިއްޔާ ކިތައްމެހާވެސް ރަނގަޅު.

  3. އަހަންމަދު

    ވީޑިއޯއިން ފެނުނުގޮތުން އެ 3 މީހުންނަކީވެސް އެފަދަ މަސައްކަތެއް ކުރުމުގެ ހޭލުންތެރިކަން ހުރި ބައެއްނޫން. ބެލުމެއްނެތި ހަމަ ހިތްރުހޭހާ މިހަކާ ހަމަ ކޮންމެ މަގާމެއްވިއަސް ހަވާލުކުރަމުންދަންޏާ ތިއައްވުރެ ދެރަގޮތް ވެސް މެދުވެރިވެދާނެ.
    ހަގީގަތުގަ ތިޔަމީހުންނަށް ވަޒީފާދިން މީހަކާމެދު ފިޔަވަޅު އެޅެން ޖެހޭނެ!