އިންޑިއާ ކަނޑުގައި 1200 ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗައް އުފެދިފައިވާ ރާއްޖެ އަކީ އެ ގައުމެއްގެ ރީތިކަމަށް މަޝްރޫހު ތަނެކެވެ. ރީތި ދޮން ގޮނޑުދޮށްތަކާއި ނޫ ޗާލު މޫދަކީ މި ގައުމުގެ ފަހުރެވެ. ބޭރުގެ ފަތުރުވެރިންނަށް ވިއްކެން އޮތް ރާއްޖޭގެ އެންމެ ބޮޑު "ހަރު" މުދަލެވެ. ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ފަތުރުވެރިކަމަކީ ނުހަނު މުހިންމު ދައުރެއް އަދާ ކުރާ ވިޔަފާރިއެކެވެ.

ރާއްޖޭގައި އެންގެ ފުރަތަމަ ފަތުރުވެރިކަން ފެށިގެން އައީ ފަޅު ރަށްރަށުގައި ރިސޯޓް ހަދައިގެންނެވެ. އެއީ ފަހަކާ ޖެހެންދެން ރާއްޖޭގެ ފަތުރުވެރިކަން ކުރަމުން އައި ގޮތެވެ.

ނަމަވެސް އެ ވިސްނުން ބަދަލުވެ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް އަދި ހޮޓަލްގެ ވިޔަފާރި ދިޔައީ ކުރިއަރުވަމުންނެވެ. މިއީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ މުޖުތަމައުއާ ގުޅުން ހުރި ފަތުރުވެރިކަމުގެ ފެށުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިތާނަށް 661 ގެސްޓް ހައުސް ނުވަތަ ހޮޓާ ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.

މަންތާ ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަ ސަރަހައްދު. --- ވަގުތު އިމޭޖަސް

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަކީ:

  • ހއ.އަތޮޅުގައި 13 ގެސްޓްހައުސް
  • ހދ.އަތޮޅުގައި 9 ގެސްޓްހައުސް
  • ށ.އަތޮޅުގައި 4 ގެސްޓްހައުސް
  • ނ.އަތޮޅުގައި 6 ގެސްޓް ހައުސް
  • ރ.އަތޮޅުގައި 2 ގެސްޓް ހައުސް
  • ބ.އަތޮޅުގައި 40 ގެސްޓް ހައުސް
  • ޅ.އަތޮޅުގައި 4 ގެސްޓް ހައުސް
  • ކ.އަޮޅުގައި 250 ގެސްޓް ހައުސް
  • އއ.އަތޮޅުގައި 125 ގެސްޓް ހައުސް
  • އދ.އަތޮޅުގައި 74 ގެސްޓް ހައުސް
  • ވ.އަތޮޅުގައި 50 ގެސްޓް ހައުސް
  • މ.އަތޮޅުގައި 5 ގެސްޓް ހައުސް
  • ފ.އަތޮޅުގައި 8 ގެސްޓް ހައުސް
  • ދ.އަތޮޅުގައި 4 ގެސްޓް ހައުސް
  • ތ.އަތޮޅުގައި 5 ގެސްޓް ހައުސް
  • ލ.އަތޮޅުގައި 3 ގެސްޓް ހައުސް
  • ގއ.އަތޮޅުގައި 7 ގެސްޓް ހައުސް
  • ގދ.އަތޮޅުގައި 6 ގެސްޓް ހައުސް
  • ޏ.އަތޮޅުގައި 21 ގެސްޓް ހައުސް
  • ސ.އަތޮޅުގައި 13 ގެސްޓް ހައުސް

ރާއްޖޭގައި 20 އަތޮޅު އޮންނަ އިރުގައި ގެސްޓް ހައުސް ނުވަތަ ހޮޓަލުގެ ހިދުމަތް ދެމުންދަނީ އެ އަތޮޅުތަކުގެ މަދު ރަށެއްގައެވެ. އެ ކަން ބަދަލު ކޮށް ރާއްޖޭގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

އަންނަ އަހަރު ކޮންމެ ރަށެއްގައި ފަތުރުވެރިކަމުގެ ފެސިލިޓީއެއް

ރާއްޖޭގެ ފަތުރުވެރި ކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔައި ޔޫއެންޑަބްލިއުޓީއޯގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 95 ރަށެއްގައި ހޮޓަލާއި ގެސްޓް ހައުސްތަކުން ހިދުމަތް ދެމުންދާ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަތުރުވެރިކަމުގެ ފެސިލިޓީތައް ހުންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ރޫމެއް. --- ފޮޓޯ: މަންތާ

"އަންނަ އަހަރު ނިމޭއިރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހޮޓެލްސް، ގެސްޓުހައުސް ނުވަތަ އެހެންވެސް ފަތުރުވެރިކަމުގެ ފެސިލިޓީތައް ތަރައްގީވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް." ޑރ. މައުސޫމް ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑު ޓޫރިޒަމާ އެކު ރާއްޖޭގެ ތިމާވެއްޓަށްވެސް އޭގެ ފައިދާ ކުރަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކައުންސިލްތަކަށްވެސް މިއިން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސަގާފަތާއި ތަރިކަ ރައްކާތެރިކުރަން މި ފަތުރުވެރިކަން މުހިންމު

ރާއްޖޭގެ ގޮނޑުދޮށްތަކާއި ސާފު މޫދުގެ އިތުރުން ތާރީހު ރަމްޒު ކޮށްދޭ ސަގާފަތާއި ތަރިކަ އަކީ ވެސް މި ގައުމުގެ އަގު ބޮޑު ހަޒާނާއެކެވެ.

ތަރިކަ އާއި ސަގާފަތުގެ ފަތުރުވެރިކަން މި އަހަރުގެ ފުރަތަމަ ކޮޅުގައި ވަނީ ފަށައިފައެވެ. ބޮޑު ތަކުރުފާނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ސަފާރީ ބުރުގައި ވަނީ އެކި ރަށްރަށުގައި އެމަނިކުފާނާ ގުޅުން ހުރި ތާރީހީ ތަންތަން ފަތުރުވެރިންނަށް ދައްކާލައިފައެވެ.

ފުވައްމުލަކު ގެން މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޔޫއެންޑަބްލިއުޓީއޯގެ ސަމިޓްގައި ވާހަކަދައްކަވަމުން ތަރިކަ އާއި ސަގާފަތާއި ބެހޭ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މިހާރު ރާއްޖޭގެ މިސްރާބު ހުރީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާ ދިމާލަށް ކަމަށެވެ.

ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ރާއްޖޭގެ އިގްތިސޯދަށް ވަރަށް މުހިންމު ކަމަށާއި އެ ޓޫރިޒަމްގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރަށްޔިތުންނަށް ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކުރުމަށް ވެސް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި އެކަން މި އަހަރު ބޭއްވި ސަފާރީ ބުރުގައި ފެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ޔޫއެންޑަބްލިއުޓީއޯގައި ކަލްޗަރަލް އަދި ހެރިޓޭޖް ޓޫރިޒަމްއާއި ގުޅޭގޮތުން މިނިސްޓަރ ޔުމްނާ ވާހަކަދައްކަވަނީ

"ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ވިދާޅުވެފައިވާ ގޮތުގައި ގިނަ ފަތުރުވެރިން ބޭނުންވަނީ އެކި ގައުމުތަކުގައި ސަގާފަތާއި ތަރިކަ ތަޖުރިބާ ކުރަން. އެހެންކަމުން މި ދަނޑިވަޅަކީ ކޮމިއުނިޓީ ބޭސްޓް ޓޫރިޒަމާ ދިމާލަށް ރާއްޖެ މިސްރާބު ޖަހަން އެންމެ ރަނގަޅު ދަނޑިވަޅު." މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ކައުންސިލްތަކާ ގުޅިގެން ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކަން ކުރިއަރުވަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ. އަދި ސަގާފަތާއި ދަރިކައިގެ ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގައި ގިނަ ވަޒީފާތެއް އުފެދިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުތަކުން ވެސް ފަތުރުވެރިކަން!

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރާ ރަށްތަށް މަދެވެ. ނަމަވެސް އެ ރަށްތަކުގެ ދަނޑުތަށް ބެލުމަށް ޒިޔާރަތް ކުރާ ފަތުރުވެރިން މަދެކޭ ބުނޭވޭކަން ނެތެވެ.

މި ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން ބައެއް މީހުން އެ ރަށްތަކަށް ޒިޔާރަތް ކުރަނީ ތާޒާ މޭވާ އާއި ތަރުކާރީގެ ރަހަ ބަލާލުމަށެވެ.

ކެލާ ދަނޑުވެރިއަކު މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޔޫއެންޑަބްލިއުޓީއޯގެ ސަމިޓްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދް ހަސަން ވިދާޅުވީ ރާއްޖޭގައި އެގްރިކަލްޗާ ސިނާއަތް އިތުރަށް ތަރައްގީކޮށް ފުޅާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެގްރޯ ޓޫރިޒަމަކީ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީ ކުރަން އިހްތިޔާރު ކުރެވިދާނެ ޕްރޮޑަކްޓެއް ކަމަށް ވިދާޅުވިއެވެ.

އެގްރޯ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓްރު ވިދާޅުވީ އޭރުން ދަނޑުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާތައް ވެސް އުފެއްދޭނެ ކަމަށެވެ.

"ގާނޫނުތައް މިހާރު ހުރި ގޮތުން އެގްރޯ ޓޫރިޒަމް ތައާރަފުކުރުމަށް ދަތިތަކެއް އެބަހުރި. އެ މަސައްކަތް ރާއްޖޭގައި ފަށަން ބޭނުންވާނަމަ އެ ގަވާއިދުތައް ބަދަލުކުރަން ޖެހޭނެ." މިނިސްޓަރު ޑރ. ހުސައިން ވިދާޅުވިއެވެ.

ތޮއްޑޫގެ ކަރާ ދަނޑުތަކުގެ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ތޮއްޑޫ ކައުންސިލް

އެގްރޯ ޓޫރިޒަމް ތައާރަފް ކުރުމަށް ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ރަށްތައް ޓޫރިސްޓުންނަށް އާދެވޭ ގޮތަށް ގަވައިދުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ގިނަ ބަޔަކު ބޭނުންވޭ

މުޖްތަމައާއި ގުޅުން ހުރި ފަތުރުވެރިކަމާއި ގުޅޭގޮތުން ގެސްޓް ހައުސްގެ ވިޔަފާރީގައި އުޅޭ ފަރާތެއް" ވަގުތަށް" ވިދާޅުވީ އެ ބާވަތުގެ ޓޫރިޒަމް ރާއްޖޭގެ ގިނަ ރަށްތަކުގައި އާލާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭރުން ރަށްރަށުގައި ވަޒީފާތައް ގިނަވާނެ ކަމަށާއި އަމިއްލަ ރަށުގައި އުޅެމުން އާމްދަނީ ހޯދޭނެ ފަސޭހަ ގޮތެއް ވެސް ތަނަވެސް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

" ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް އަސްލު ރާއްޖެ އަށް ވަރަށް މުހިންމު. އޭރުން އަމިއްލަ ރަށުގައި ހިތްހަމަޖެހިލައިގެން ހުރެ ރަނގަޅު އާމްދަނީއެއް ލިބޭ. އަމިއްލަ ރަށް ދޫކޮށްލާފައި ދާކަށް ވެސް ނުޖެހޭނެ." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސް ހިންގާ މާފުށި
ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސް ހިންގާ މާފުށި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވެރިއަކު " ވަގުތަށް" ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ ފުރުސަތު އެއީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެއް ކަމަށެވެ. ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ސަބަބުން އެކަން ފުރިހަމަ ވާނެ ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެނަށް އެކަނިއެއް ނޫން ފައިދާ ވަނީ. ރިސޯޓްތަކަށްދާން ފައިސާ ނެތް ފަތުރުވެރިންނަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ. ކުޑަ އަގެއްގައި ރާއްޖޭގެ ތަންތަން ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ." އޭނާ ވިދާޅުވިއެވެ.

ކ. ހުރާގެ “ވިޝް ގެސްޓް ހަައުސް’ ވަރަށް ފުރިހަމަ ވަގުތު އިމޭޖްސް:އަހްމަދް އަލީ

ރާއްޖެގެ ކަހަލަ ޖަޒީރާ ވަންތަ ގައުމެއްގައި ފަތުރުވެރިކަމުގެ އެކި އެކި ބާވަތްތައް ތައާރަފް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެންމެ ފަހަށް ތައާރަފް ކުރީ ހޯމް ސްޓޭއެވެ. އެ ހިދުމަތް މިހާރު ދެމުންދަނީ ރާއްޖޭގެ ދެ ރަށެއްގައެވެ. ނަމަވެސް ހޯމް ސްޓޭ އަންނަ އަހަރު ނިމެންވާއިރަށް މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ހޯމް ސްޓޭ އަކީ ވެސް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ތެރެއަށް ވަނުމަށް މި ގައުމުން އެޅި މުހިންމު ފިޔަވަޅަކަށް ވާއިރު ސަރުކާރުގެ އަމާޒު ހުރީ އެ ފަތުރުވެރިކަން މުޅި ރާއްޖޭގައި ފެތުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑަކްޓަރު ޓޫރިޒަމް

    މިހާރު ރިޕޯޓްތައް ހުންނަނީ މިހެންތޯ؟؟؟ ނޫސްވެރިކަމަކީ ދިހާރުދެން ކުޅޭކުޅޭ އެއްޗަކަށް ވެއްޖެ.

  2. އަސްލަމް

    ކިތަންމެ ވަރަކަށް ރަންގަޑަކަށް ހަދަން އުޅުނަސް ރަންގަނޑަކަށް ނުވާނެ، ސަބަބަކީ މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ދަހި ފޫޅު އިންޑިއާއ އިން، އަނެއްކާ މީ ހަމަ ޖަސްޓް ނަމްބަރ، ޓިޕްސް ގަނޑެއް ވެސް ވެއިޓަރުންނަށް ދިއްކޮށްނުލާ ދަހިފޫޅު ތަކެއްމީ، މިކަހަލަ މީހުން އަައުމަށް ވުރެ ރަނގަޅުވާނެ ދިވެހިންނަށް އަގުހެޔޮކޮށް ހުޅުވާލިޔަސް، ކިތަންމެ ވަރަކަށް މިހަޤީގަތް ފޮރުވަން އުޅުނަސް ނުފޮރުވޭނެ،

  3. ހައްޤުބަސް

    ފުރަތަމަ ކުރަންޖެހޭ ކަމަކީ ބަޖްޓް ތޫރިސްޓުން އެބަހީ ގެސްޓު ހައުސް އަދި ހޯމް ސްޓޭއަށް އަންނަ ފަރާތްތަކުގެ އަތުން މޯލްޑިވިއަން އިން އެތެރޭގެ ދަތުރުތަކަށް ނަގާ ޓޮކެޓުގެ އަގު ހެޔޮކުރުން. އަދި މިހާރު އެެއަރޕޯޓް ހުރި ތަންތަނަށް މަދުވެގެން އެއް ފުލައިޓް ކޮންމެ ދުވަހަކު ބޭއްވޭނެ ގޮތް ހެދުން. އެ ނޫން ގޮތަކަށް ހޯމް ސްޓޭއާ މާލެއާ ދުރު އަތޮޅުތަކުގެ ގެސްޓްހައުސް ވިޔަފާރި ކުރި އެރުވޭނެ ގޮތެއް ނޯންނާނެ.. ސަރުކާރުން އިހުލާސްތެރި ތެދު ނިޔަތެއްގަ ތިޔަ ކަން ކުރަންޏާ މި ދެކަންތައް ފުރިހަމަކުރައްވާ ފުރަތަމަ..

  4. ސަމްކުޅިބޭ

    ގެސްޓްހައުސް ވިޔަފާރި ވާނީ ޓުރިޒަމްގެ ދަގުއިގަނޑަކަށް. ގެސްޓް ހައުސް ހުއްޓަސް ގިނަތަންތަންހުންނަނީ ހުހަށް. ކޮބާ ރިހާކުރު އައިލެންޑް ގެސްޓްހައުސް. ސަރުކާރުން ފައިސާ ޚަރަދުކޮށްގެން އެތަނަށް ގެންދިޔަ ދެމަފިރިން ނޫން މީހަކު އަދި ނާދޭ. ތަަން އެހުރީ ފަޅަށް.