ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް ފުޅާކޮށް، ބޭރުގެ ގައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު އަމާޒެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ފަސް ގައުމަކާއެކު ވިސާ އެއްބަސްވުން ގާއިިމްކޮށްފައިވާނެ ކަމަށާއި މިހާރު ޖުމްލަ 88 ގައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ. އަދި، އިތުރު 17 ގައުމަކާއެކު ވިސާ އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގައި އެ ގައުމެއްގެ މިޝަނެއް ގާއިމުކުރެވިފައި ނުވާ ގައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި އެ މިނިސްޓްރީން އެހީ ފޯރުކޮށްދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

" ވިސާ ދޫކުރުމަކީ އެ ގައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ގައުމަކަށް ލިބިފައިވާ ކަމެއް.މީގެ ތެރޭގައި، ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ހުދު ވިސާއަށް އެދޭ ފަރާތް ހާޒިރުވާން ޖެހުންވެސް ހިމެނޭ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި ހަމައެއާއެކު، ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ހާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް ފޮރިން މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ ފަހަކަށް އައިސް ވިސާ ހޯދުމުގައި އެ މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތަށް އަމަލުކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައި އޮންނަ ތާރީހަށް ވިސާ ނުލިބުންފަދަ ހާލަތްތައް ތަކުރާރުވަމުން ދާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ކޮވިޑްގެ ހާލަތާ ގުޅިގެން، އަދި ވަކިން ހާއްސަކޮށް، ޝެންގެން ގައުމުތައް ހިމެނޭހެން، ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ އަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސޯދީ އަދި ހަކަތައިގެ ކާރިސާއާ ގުޅިގެން، ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ވަނީ ލިމިޓްކޮށްފައި." މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން މި ދަނޑިވަޅުގައި، ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ހޯދުމުގެ ކަންކަމުގައި އެ މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށާއި، އަދި ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ލަންކާ އެމްބަސީ ފަވާޒަކީ ވަރަށް ހިތްހެޔޮ، އެހީތެރި މީހެއް. އުފަލާއެކު، ކަންތައްތަކުގަ އެހީވާ މީހެއް.

  2. ޙަދިސައިބު

    ޢެހެންވެތާ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ވިސާހޯދަން މިހާރުވެސް ބޮޑު ޚަރަދުކޮށްފައި އިންޑިޔާގެ ދިއްލީއަށް ދާންޖެހެނީ، ދިއްލީ އެއަރޕޯޓުން އޭރުވެސް މިހާރުވެސް ދިވެއްސަކު ގިސްސީއްޔާ ކޮންދަތުރެއް ލާރި އެބަހުރިތަ ކީއްކުރަން އިންޑިޠައަށް އައީ ޕާކިސްތާނަށް ދިޔައިންތަ މުއުންދުވަހަކު، ކޮންތާކު ހުންނަނީ އެއީ ކޮންގުޅުމެއް އޮންނަތަނެއް، މިފަދަ ސުވާލުކޯސް ހިއުމިލިއޭޓުކުރާނެ!